ކުރިއަށް އޮތް ތަނުގައި އިތުރު ވަޒީފާތައް ގެއްލި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއްކޮށް ހުއްޓިދާނެކަމުގެ ބިރު އެބައޮތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ހެދި ދިރާސާއިން ދައްކާ ގޮތުގައި ކޮވިޑްގެ ސަބަބުން ރާއްޖޭގައި ދިރިއުޅުމަށް ކުރާ މަސައްކަތަށާއި ވަޒީފާތަކަށް ވަގުތުން ވަގުތަށް، އަދި ވަރަށް ފުޅާ ދާއިރާއެއްގައި އަސަރުކުރި ކަމަށެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް ކަމަށާއި ވަކިން ހާއްސަކޮށް އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.

ކޮވިޑްގެ ޕެންޑެމިކާ ގުޅިގެން އައި އިގުތިސާދީ ހީނަރުކަމަކީ ގިނަ ގޮތްގޮތުން ބަލާއިރު މީގެ ކުރިން ދުވަހަކުވެސް ކުރިމަތިވެފައިވާ ކަމެއް ނޫން ކަމަށާއި ފަތުރުވެރިކަމުން ފެށިގެން ޓްރޭޑުގެ އެކި ދާއިރާތަކަށް އެކަމުގެ ނޭދެވޭ އަސަރު ވަގުތުން ވަގުތަށް ކުރި ކަމަށެވެ.

ދިރާސާގައިވާ ގޮތުން ކޮވިޑްގެ ކާރިސާގެ ސަބަބުން، ހިނދުން ހިނދަށް އަދި ފުޅާ ދާއިރާއެއްގައި ވަޒީފާތަކަށް އަސަރުކުރި ކަމަށާއި ކާރިސާގެ އިގުތިސާދީ ލޮޅުން އެންމެ ފުރަތަމަ އިހުސާސްކުރި ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށެވެ.

"ވަޒީފާތަކަށް ކުރި އަސަރު މައިގަނޑުގޮތެއްގައި ފެންނަން ހުރީ ރިޑަންޑަންސީއާއި، މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުން ނުވަތަ މުސާރަ ކުޑަކުރުމުގެ ގޮތުގައި. ހުރިހާ ދާއިރާއަކުން ލިބެންހުރި މައުލޫމާތުތަކަށް ބަލާއިރު، 44 އިންސައްތަ މީހުން ރިޑަންޑަންސީ ނުވަތަ އާމްދަނީ އެއްކޮށް ހުއްޓުނުކަމަށް ރިޕޯޓުކޮށްފައިވޭ. 24 އިންސައްތަ މީހުން މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވިކަމަށް ބުނެފައިވެއެވެ. އަދި 32 އިންސައްތަ މީހުން މުސާރަ ކުޑަކުރިކަމަށް ބުނެފައިވޭ." ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން ވަޒީފާއަށް ނުރަނގަޅު އަސަރުކުރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހިދުމަތްދިނުމުގެ ދާއިރާގައި، ކުޑަ މުސާރަ ލިބޭ ވަޒީފާތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ނުވަތަ އަމިއްލަ މަސައްކަތްކުރާ މީހުން ކަމަށެވެ. ކާރިސާގެ ކުރީކޮޅު، އޭޕްރިލް އިން ޖޫންގެ ނިޔަލަށް ހިނގި މުއްދަތުގެ ފަހުކޮޅަށް އެޅިއިރު ވަޒީފާ ގެއްލުމުގެ ފުރުސަތު އިތުރުވި ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ކާރިސާއިން އަރައިގަތުން ލަސްވުމަކީ ވަޒީފާނެތް މީހުންގެ ނިސްބަތް އިތުރުވުމުގެ ނުރައްކާ އޮތް ކަމެއް ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

"ޖޮބް ސެންޓަރުގެ މައުލޫމާތުތަކުގެ ދިރާސާއިން ދައްކާގޮތުގައި، އިގުތިސާދުގެ ހުރިހާ ދާއިރާއަކުން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ ތެރެއިން، 68 އިންސައްތަ މީހުންގެ އާމްދަނީ އެއްކޮށް ހުއްޓުނު. އަދި 38 އިންސައްތަ މީހުން އާމްދަނީ ދަށްވާކަމަށް ރިޕޯޓުކުރި. ކުރެވުނުގޮތުގައި ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވަޒީފާ ދެމެހެއްޓި، އަދި އޭޕްރިލް އިން ޖޫން 2020 އަށް ދަށް މުސާރައެއް ލިބުނު މީހުންނަށް ލިބުނީ ކޮވިޑްގެ ކުރިން ލިބެމުން އައި އާމްދަނީއަށްވުރެ 70 އިންސައްތަ ދަށް އާމްދަނީއެއް." ދިރާސާގައިވެއެވެ.

ދިރާސާގައި ވަނީ ކޮވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ 2،400 މުވައްޒަފުންނަށް އާމްދަނީގެ ޔަގީންކަން މުޅިން ގެއްލުނު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން އާމްދަނީ ގެއްލޭ މިންވަރު މަހަކު 30 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި ވަޒީފާއާ ގުޅޭގޮތުން ޖޮބް ސެންޓަރަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ޝަކުވާތަކަކީ 30 އަހަރަށްވުރެ ހަގު މީހުންނާ ގުޅޭ ޝަކުވާތައް ކަމަށްވެސް އެދިރާސާގައިވެއެވެ.

ވަޒީފާތަކަށް ނޭދެވޭ އަސަރުތަކެއް ކުރި ގްރޫޕުތަކަކީ ޒުވާނުންނާއި ޕްރޮބޭޝަން ފެޓްރެކްޓުތަކުގައި ތިބި މުވައްޒަފުންނާއި ރިޒޯޓުތަކުގައި ތިންވަނަ ފަރާތްތަކުން ކުރާ މަސައްކަތުގައި ގެންގުޅޭ މުވައްޒަފުންނާއި ނުރަސްމީ މަސައްކަތްތައްކުރާ ބިދޭސީ މަސައްކަތްތެރިންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި ފްރީލާންސަރުން އަދި ކޮމިއުނިޓީ ވެންޑަރުންނެވެ.

މީގެ އިތުރުން އަންހެނުންނަށް ތަފާތުބޮޑުކޮށް އަސަރުކުރިކަން ފާހަގަކުރެވުނު ކަމަށާއި އެގޮތުން ޖޮބް ސެންޓަރުގައި ވަޒީފާއާބެހޭ ޝަކުވާތައް ރިޕޯޓުކުރި އަންހެނުންގެ އަދަދު މަދުނަމަވެސް ރިޑަންޑަންސީ އާއި އާމްދަނީ ގެއްލުމުގެ މައްސަލަ ފިރިހެނުންނަށްވުރެ އަންހެނުންގެ އިތުރު ކަމަށެވެ. އަދި ވަޒީފާ ނެތުމުގެ ޕްރެޝަރު އިތުރުވާ ވަރަކަށް، ޒުވާން އަންހެނުން ވަޒީފާގެ ބާޒާރުން ދާއިމީގޮތެއްގައި އެއްފަރާތްވުން ނުވަތަ ވަޒީފާގެ ބާޒާރަށް ނުކުތުމަށް ހުރަސްއެޅުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމަށް ކުރި ނޭދެވޭ އަސަރުތަކުން ފާހަގަކުރެވުނީ ސަޕްލައި ހުއްޓުމާއި ވިޔަފާރި ހިންގުމުގެ ހަރަދުތަކަށް ކުރި އަސަރާއި ސޭލްސް އަދި އާމްދަނީ ހުއްޓުމާއި ކޭޝްފްލޯ އަށް ކުރި އަސަރާއި ވަޒީފާތަކަށް ގެނައި ބަދަލު ކަމަށެވެ.

"އާންމު ހާލަތުގައި ވިޔަފާރި ހިންގުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި ފައިނޭންސް ހޯދުމަށް ހުރި ހުރަސްތަކާއި، ވިޔަފާރި އެހީގެ ހިދުމަތްތައް ލިބުމުގައި ހުރި ދަތިތަކާއި ވިޔަފާރި ހިންގުމަށް ބޭނުންވާ ހުނަރުތައް ނެތުމާއި ޓެކްނޮލޮޖީ ނަގައިގަތުމުގައި ހުރި ލަސްތަކާއި ތިމާވެއްޓާ ރަހުމަތްތެރި ގްރީން ޓެކްނޮލޮޖީއަށް ބަދަލުވުމުގައި ހުރި ހުރަސްތައް އަދި ގާނޫނުތައް ތަންފީޒުކުރުން ބަލިކަށިކަމުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުންވުން ހިމެނެ،" ރިޕޯޓުގައިވެއެވެ.

ކޮވިޑްގެ ސަބަބުން ވިޔަފާރިތަކުން ހާލަތާ އެއްގޮތަށް ބަދަލުތައް ގެނައިކަން ފާހަގަކުރެވިފައިވާ ކަމަށާއި މީގެ ތެރޭގައި އާ އުފެއްދުންތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވުނު ކަމަށެވެ. ވަކިން ހާއްސަކޮށް އަންހެނުންނަށް އާ ފުރުސަތުތަކެއްގެ ދޮރުތައް ހުޅުވި، ވިޔަފާރިކުރުމުގެ އާ ގޮތްތަކެއް ތައާރަފުވެ، މީސްމީހުންގެ އުޅުމާއި ތަކެތި ބޭނުންކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް އައި ކަމަށްވެސް ދިރާސާގައިވެއެވެ.

ދިރާސާގައި އިތުރަށް ވަނީ ކާރިސާގެ ބޮޑުމިނާއި އޭގެ ދިގުމިން އަދި ކާރިސާއިން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން ނެތުމަކީ ވިޔަފާރިތަކަށް ކުރާ އަސަރުތަކާއި އޭގެ ސަބަބުން ގޭބިސީތަކާއި މުޖުތަމައަށް ކުރާ އަސަރުތައް ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށެވެ.