ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލި ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.
ރާއްޖޭގެ އެޑިޓާސް ގިލްޑުން ނެރުނު ކުރު ނޫސް ބަޔާނެއްގައި ބުނީ، މި "ހާއްސަ ކެމްޕޭން" ހިންގަން ނިންމީ ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށް އެ މަގަށް މަސައްކަތް ކުރުމަށް ކަމަށެވެ.
އެގޮތުން ކޮވިޑާ ގުޅޭ ހަބަރާއި މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށް ވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މި ހާއްސަ ކެމްޕޭނުގެ އަމާޒު ކަމަށް އެޑިޓަރުންގެ މި ބަޔާނުގައި ބުނެފައި ވެއެވެ.
ކޮވިޑާ ގުޅޭ މި ހާއްސަ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި އިސްކަންދޭނެ ހަބަރާއި މައުލޫމާތާ ގުޅޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސް ބޭފުޅުންނާއެކު މީޑިއާތަކުން ވަނީ މިއަދު ބައްދަލުކޮށް މަޝްވަރާ ކޮށްފައި ކަމަށާއި މި މަޝްވަރާތަކުގެ އަލީގައި ކެމްޕޭނު ކުރިއަށް ގެންދާނެ ގޮތް ރާވައި އިންތިޒާމުކޮށް ހެދުމުގައި އެކިއެކި މީޑިއާތައް ހިމެނޭ ގޮތުން ސްޓިއަރިން ކޮމެޓީއެއްވެސް އެކުލަވާލައިފައިވާ ކަމަށް އެޑިޓާސް ގިލްޑުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މި ހާއްސަ ކެމްޕޭނުގެ މަސައްކަތް ކުރިއަށް ދާނީ ހުރިހާ މީޑިއާތަކެއްގެ ބައިވެރި ވުމާއެކު ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިން ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން، ކޮވިޑް ކޮންޓްރޯލުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރާން ނިންމި އިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ 7000 އިން މައްޗަށް އަރައިފަ އެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދުވެސް ވެސް 28 އަށް އަރައިފަ އެވެ. މިހާރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ނިސްބަތް ހުރީ އެޗްއޯއީސީން އަންދާޒާ ކުރި ތަފާސް ހިސާބުތަކަށްވުރެވެސް މާމަތީގަ އެވެ.
ގައުމީ ބޮޑެތި ކަންކަމުގައި މީގެ ކުރީންވެސް ދިވެހި މީޑިއާއިން އިސް ނަގައި ގުޅިގެން އެކި ކަހަލަ މަސައްކަތްތައް ކޮށްފައި ވެއެވެ.
ރާއްޖޭގެ މީޑިއާތައް
ރާއްޖޭގެ މީޑިއާތައް
ރާއްޖޭގެ މީޑިއާތައް