އޮފީސްތަކާއި ކުންފުނިތަކުގެ މީޑިއާ/ޕީއާރް އޮފިސަރުންނަށް އަމާޒުކޮށް ޝަހީބު މީޑިއާ އިން ހިންގި ހާއްސަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 23 އިން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ "މީޑިއާއަށް އަހުލުވެރިކުރުވުމުގެ މަތީފެންވަރުގެ ތަމްރީނު ޕްރޮގްރާމް" ފުރިހަމަކުރި 25 ބައިވެރިންނަށް ރޭ ބޭއްވި ހަފުލާއެއްގައި ވަނީ ސެޓްފިކެޓު ހަވާލުކޮށްފައެވެ.

އެ ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގެންނެވި އިރު، ހާއްސަ މެހެމާނެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ފަހުމީ ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

3 ސެޕްޓެމްބަރު 2026، އޮފީސްތަކާއި ކުންފުނިތަކުގެ މީޑިއާ/ޕީއާރް އޮފިސަރުންނަށް އަމާޒުކޮށް ޝަހީބު މީޑިއާ އިން ހިންގި ހާއްސަ ތަމްރީނު ޕްރޮގްރާމް ނިންމާލުން -- ފޮޓޯ/ ޝަހީބު މީޑިއާ

ޝަހީބު މީޑިއާ އިން ހިންގި އެ ޕްރޮގްރާމަކީ ރައްޔިތުންނާ ގުޅުންހުރި އެކިއެކި މަޝްރޫއުތަކާއި އިވެންޓުތަކާއި ޕްރޮޑަކްޓްތަކާ ގުޅޭ މައުލޫމާތުތައް، ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެކިއެކި މުއައްސަސާތަކުގެ އެންމެ އިސް ދައުރެއް އަދާކުރާ މީޑިއާ/ޕީއާރް އޮފިސަރުން ތާޒާކޮށް، އަދާހަމަކުރުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ކޮންމެ ދުވަހެއްގެ ރޭގަނޑު 8 އިން 10 އަށް ކުރިއަށްގެންދިޔަ 20 ގަޑިއިރުގެ އެ ތަމްރީނުގައި، މީޑިއާ/ޕީއާރް އޮފިސަރުން ދިވެހި މީޑިއާއަށް އަހުލުވެރިކުރުވައި، މީޑިއާއާ ގުޅުން ބަދަހިކުރުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.

3 ސެޕްޓެމްބަރު 2026، އޮފީސްތަކާއި ކުންފުނިތަކުގެ މީޑިއާ/ޕީއާރް އޮފިސަރުންނަށް އަމާޒުކޮށް ޝަހީބު މީޑިއާ އިން ހިންގި ހާއްސަ ތަމްރީނު ޕްރޮގްރާމް ނިންމާލުން -- ފޮޓޯ/ ޝަހީބު މީޑިއާ

އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ ފާއިތުވީ ފަންސަވީހަކަށް އަހަރުގެ ތެރޭގައި، ރާއްޖޭގައި އެންމެ ގިނަ ނޫސްވެރިން ތަމްރީނުކޮށް އަމަލީ މައިދާނަށް ނެރެފައިވާ، ދިވެހި ނޫސްވެރިކަމުގެ 35 އަހަރުގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު ޝަހީބެވެ.

އޭނާއަކީ ޝަހީބު މީޑިއާގެ ޕްރެޒިޑެންޓުގެ އިތުރުން އަދިވެސް އޮންލައިންގެ ސީއީއޯ އަދި އެޑިޓަރެވެ. މި ތަމްރީނު ޕްރޮގްރާމު ބައިވެރިންނަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ހާއްސަ ތަގުރީރެއް ދެއްވާފައިވެއެވެ.

ޝަހީބު މީޑިއާ އަކީ މީޑިއާއަށް އަހުލުވެރިކުރުވައި ނޫސްވެރިން ތަމްރީނުކުރުމުގައި އިސް މަސައްކަތްތަކެއް ކުރަމުން އަންނަ މީޑިއާ ހައުސްއެކެވެ.