މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އެކުލަވާލާފައިވާ އާ ގަވާއިދުގެ ދަށުން، އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ކުރިން އަލުން ރަޖިސްޓްރީ ނުކުރާ ހުރިހާ ނޫސް މަޖައްލާތަކެއްގެ ރަޖިސްޓްރީ ބާތިލުކުރުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
އެމްއެމްބީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޫސް މަޖައްލާފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލި އާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގައި މިހާރު ހިންގަމުންދާ ހުރިހާ ނޫސް މަޖައްލާތަކެއް ހަމަސް މަސްދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީކޮށް މައުލޫމާތު އަދާހަމަކުރަން ޖެހޭނެ ކަމަށެވެ.
އެ މުއްދަތު އަންނަ އޮކްޓޯބަރު 27 އަށް ހަމަވާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ހުރިހާ މީޑިއާތަކުންވެސް ރީ-ރަޖިސްޓްރީވުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެކުރިން ސަރުކާރުގެ އެކި މިނިސްޓްރީތަކުން ބަލަހައްޓަމުން އައި ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުމާއި ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް އެމްއެމްބީސީއަށް ބަދަލުވީ އެ ކޮމިޝަންގެ ގާނޫނު ވުޖޫދުވުމާ ގުޅިގެންނެވެ.
އަލަށް އަމަލުކުރަން ފެށި ގަވާއިދުގައި ނޫސް މަޖައްލާތައް ވަނީ ހަތަރު ބަޔަކަށް ގިންތިކޮށްފައެވެ. އެއީ ނޫސް، މަޖައްލާ، ނިއުސް ލެޓާ އަދި ޖާނަލްއެވެ. އެ ބާވަތްތައް ޕްރިންޓްކޮށްގެންނާއި، ވެބްސައިޓް، ސޯޝަލް މީޑިއާ، މޯބައިލް އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިންގުމުގެ ފުރުސަތު ގަވާއިދުގެ ދަށުން ލިބިދެއެވެ.
މީގެއިތުރުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ނޫސް މަޖައްލާ ހިންގުމުގެ ހުއްދަ ލިބުނު ނަމަވެސް، ކުންފުނިތަކުގެ އެތެރޭގެ މައުލޫމާތު ހިއްސާކުރުމަށް މުވައްޒަފުންނަށް ހާއްސަކޮށްގެން ނެރޭ ލިޔުންތައް ގަވާއިދުން ވަނީ އިސްތިސްނާކޮށްފައެވެ.
ގަވާއިދުގެ ދަށުން ނޫސް މަޖައްލާއަކަށް ދޫކުރާ ރަޖިސްޓްރީގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އަދި މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އާކުރަން ހުށަހަޅަންޖެހޭއިރު، އެއްވެސް އެއްޗެއް ޝާއިއުނުކޮށް އެއް އަހަރު ވެއްޖެ ނަމަ، އެ ނޫސް މަޖައްލާއެއްގެ ރަޖިސްޓްރީ އުވިގެންދާނެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
ކޮމެންޓް