އާ ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް މަގާމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އުފައްދާފައިވާ ސުވާލުތަކާ ގުޅިގެން، އޭނާ އަލުން މަގާމުގެ ހުވާ ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
ޓޫރިޒަމް މިިނިސްޓަރު ޑރ. އަބުދުﷲ މައުސޫމަށް ރުހުން ދިނުމަށް ރައްޔތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާކޮށް އެކަމުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، މައުސޫމުގެ ހުވަޔާމެދު ބައެެއް މެންބަރުން ސުވާލު އުފެއްދެވުމުން، މައުސޫމަށް ރުހުން ދިނުމަށް ވޯޓަށް ނާހައި އެ މައްސަލަ އަލުން ބެލުމަށް، މަޖިލީހުން ފާސްކޮށް އަނބުރާ ކޮމިޓީއަށް ފޮނުއްވައި ލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މައުސޫމުގެ ހުވަޔާމެދު ސުވާލު އުފައްދަވައި އެންމެ ފުރަތަމަ ވާހަކަ ދެއްްކެވީ، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
އަފީފު ވިދާޅުވީ އެއްވެސް މިނިސްޓަރަކު ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވެގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު މައުސޫމު މިނިސްޓަރު ކަމުގެ މަގާމުގެ ހުވައި ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ކަމަށާއި އެމަގާމުން އިސްތިއުފާ ދެއްވާފައި ނުވާކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބައެއް މެންބަރުން ވިދާޅުވީ، މައުސޫމަށް މަޖިލީހުން ރުހުން ލިބޭނީ އެކަން ރަނގަޅުކޮށް އަލުން ހުވައި ކުރެއްވުމުން ކަމަށެވެ.
މަޖިލީހުން އަނބުރާ ފުޮނުވާލުމުން އެމައްސަލަ ބެލުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކުރިއަށްދިޔަ ބަހުސްގައި މައުސޫމު އަލުން މިނިސްތަރުކަމުގެ ހުވައި ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ހުށަހެޅުއްވީ، ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދެވެ.
އޭނާ ވިދާޅުވީ، މައުސޫމު މިނިސްޓަރުކަމުގެ މަގާމުުގެ ހުވައި ކުރެއްވިއިރު، ހުންނެވި ވިޔަފާރީގެ މަސްލަހަތު ހިމެނޭގޮތުގައި ކަމަށް ހިމެނޭތީ އާއި ކޮމިޓީން މައުސޫމަށް ރުހުން ދިން އިރު އެ މަސްއޫލިއްޔަތުން ވަކިވެފައި ވީނަމަވެސް އެ މައްސަލައާބެހޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރިއަށްދިޔައިރު، ފާހަގަ ކުރެވުނު ކަންތައްތަކަށްބަލައި ގާނޫނުއަސާސީގެ ރޫހު ހިފެހެއްޓުމުގެ ގޮތުންނާއި އެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައިލުމަށް މައުސޫމު އަލުން މަގާމުގެ ހުވައި ކުރުމަށް ފެންނަ ކަމަށް ރައީސަށް ލަފާ އެރުވުމަށް ހުށަހަޅާކަމަށެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީއެވެ.
އެގޮތަށް ކޮމިޓީން ފާސްކުރި އަށް މެންބަރުންގެ ވޯޓުންނެވެ.
ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި މައުސޫމު އަލުން ހުވައިކުރަން، ލަފާއަރުވަން ދެކޮޅު ހައްދަވައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަަރަށްބޮޑަށް ވާހަކަ ދެއްކެވިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް