ލިއޮނެލް މެސީ

ހިލޭ ޓްރާންސްފާއެއްގެ ދަށުން ބާސާ ދޫކޮށްލުމަށް ކޮންޓްރެކްޓް އުވައިލުމަށް މެސީ އެދިއްޖެ

ހިލޭ ޓްރާންސްފާއެއްގެ ދަށުން ބާސެލޯނާ ދޫކޮށް އެހެން ކްލަބަކާ ގުޅުމަށް ކޮންޓްރެކްޓް އުވައިލުމަށް ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އެކްލަބުގައި އެދިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވައިލުމަށް އުމުރުން 33 އަހަރުގެ މެސީ އެދިފައިވަނީ ފެކްސްއެއް މެދުވެރިކޮށް ފޮނުވި ސިޓީއެއްގައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 8-2ގެ ނަތީޖާއަކުން ބާސާ ބަލިވި މެޗަށްފަހު މެސީ، އެ ކްލަބު ދޫކޮށް ދާން ނިންމާފައިވާ ކަމަށް ހަބަރުތައް ވަނީ ފެތުރިފައެވެ.

އެ މެޗަށްފަހު ބާސާގެ ކޯޗު ކުއިކޭ ސެޓިއެން އާއި ޓެކްނިކަލް މެނޭޖަރު އެރިކް އަބިޑާލް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އެކްލަބުގެ އާ ކޯޗަކަށް ހަމަޖައްސާފައިވަނީ ނެދަލެންޑްސް ގައުމީ ޓީމުގެ ކުރީގެ ކޯޗު ރޮނަލްޑް ކޯމަންއެވެ.

ހަބަރުތައް ބުނާގޮތުގައި މެސީ ވަނީ ކޯމަންއާ ވެސް ބައްދަލުކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި އޭނާ 20 އަހަރު ހޭދަކުރި ބާސާގައި އިތުރަށް މަޑުކުރަން ބޭނުން ނުވާކަން އަންގާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ބާސާ ދޫކޮށް މެސީ އެހެން ކްލަބަކާ ގުޅެން އުޅޭ ކަމަށް ދެކެވުނު ވާހަކަތަކާ ގުޅިގެން ބާސާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއޫ މީގެ ކުރިން ވިދާޅުވީ މެސީގެ ކުރިމަގު އަދިވެސް އޮތީ އެކްލަބުގައި ކަމަށާއި އެކްލަބުގައި މެސީ މަޑުކުރާނެ ކަމަށެވެ.

މިސީޒަނުގައި ބާސާއާއެކު ސްޕެނިޝް ލަލީގާ އަދި ޗެމްޕިއަންސް ލީގުގެ ތަށި ހޯދިފައިނުވާ މެސީ ގެންދިއުމަށް މަސައްކަތްކުރާ ކްލަބުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އިންޓަ މިލާން އަދި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ހިމެނެއެވެ.

މިސީޒަން ނިމުމުން މެސީ އެހެން ކްލަބަކާ ގުޅެން ނިންމައިފި ނަމަ، ބަޔާން އަތުން 8-2ގެ ނަތީޖާއަކުން ބަލިވި މެޗު ވެގެންދާނީ ބާސާގެ ޖާޒީގައި އޭނާ ކުޅުނު އެންމެ ފަހު މެޗަށެވެ. މެސީއަކީ 2001 ވަނަ އަހަރުން ފެށިގެން ބާސާގެ ޔޫތު ޓީމުތަކުން ފެށިގެން އެކްލަބަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ބާސާގެ ސީނިއާ ޓީމުން މެސީ ފުރަތަމަ ފެނިގެންދިޔައީ 2004 ވަނަ އަހަރުއެވެ. މެސީ ވަނީ އެ ކްލަބަށް މިހާތަނަށް 669 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އާޖެންޓީނާ ތަރި މެސީއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މެސީ ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަ ފަހަރަށް ހޯދައިފައެވެ. މެސީއާ އެންމެ ގާތުން އެ އެވޯޑު ހޯދާފައިވަނީ އޭނާގެ ޒަމާންވީ ވާދަވެރިޔާ، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ އެ އެވޯޑު ފަސް ފަހަރު ހޯދައިފައެވެ.