މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކުރުމަށް ރާވާފައިވާ މަސައްކަތްތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ތަންފީޒުކުރުމުގެ މަސައްކަތްތައް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ މިންވަރު ބެލުމަށްޓަކައި ހަދާފައިވާ ރިވިއު، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ހިއްސާކޮށްފިއެވެ.
އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި މި މައުލޫމާތު ހިއްސާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުންނެވެ.
މި ރިވިއުގައި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ދާއިރާތަކާއި ކޮންމެ ދާއިރާއެއްގެ ދަށުން ހިމެނޭ ސަބްސެކްޓާތަކުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ.
ރައީސް އޮފީހުން ބުނީ، ކޮވިޑް 19އާ ގުޅިގެން އިގްތިސޯދަށް އައިސްފައިވާ ބަދަލުތަކާއި ހާލަތަށް ރިއާޔަތްކޮށް ސްޓްރެޓީޖިކް އެކްޝަން ޕްލޭނަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ބައްދަލުވުމުގައި މެންބަރުން ހިޔާލުބަދަލުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ސަރުކާރުން ހިންގާ މަޝްރޫއުތައް ހިނގަމުންދާގޮތުގެ މައުލޫމާތާއި، ރާއްޖޭގެ މީހުން ދިރިއުޅޭ އަދި މީހުން ދިރިނޫޅޭ ހުރިހާ ރަށްތަކުގެ މައުލޫމާތު އެއްތަނަކުން އެއް ޕްލެޓްފޯމަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ފަރުމާކުރަމުން އަންނަ "އައިލްސް" ސޮފްޓްވެއާއާ ގުޅޭ މައުލޫމާތުވެސް ވަނީ ބައްދަލުވުމުގެ ތެރެއިން ވަޒީރުންނަށް އަރުވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނަން ހުރުމުގެ މުހިންމުކަމާއި "އައިލްސް" ސޮފްޓްވެއާ ފަދަ ސޮފްޓްވެއާއަކުން ހުރިހާ މައުލޫމާތުތައް އާއްމުކޮށް ލިބެން ހުންނާނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް