ރައްޔިތުންނަށް ހިޔާލު ހުށަހެޅޭ ގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ) ގެ ދެ ލައުންޖެއް މާލެއާއި ހުޅުމާލެ ފޭސް 1 ގައި މިއަދު ހުޅުވައިފިއެވެ.
ރައީސް ބުނި ގޮތުގައި، މާލޭގެ ލައުންޖު ގާއިމުކޮށްފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލްގައެވެ. ހުޅުމާލެ ފޭސް 1 ގެ ލައުންޖު ހިންގާނީ އުމަރު ޒާހިރު ބިލްޑިންގެ ތިރީ ފަންގިފިލާގައެވެ.
ރައްޔިތުންނަށް ފަސޭހައިން ޒިޔާރަތްކުރެވޭ ގޮތަށް ބައްޓަންކޮށްފައިވާ މި ދެ ތަނަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އުފެއްދެވި ބިއުރޯގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ތަންތަނެވެ.
ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް މި ލައުންޖުތަކުން ހިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ކައިރި މުސްތަގުބަލެއްގައި ހުޅުމާލެ ފޭސް 2 ގައިވެސް ސީސީބީގެ ލައުންޖެއް ހުޅުވުމަށް ވަނީ ރޭވިފައެވެ.
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރަސްމީކޮށް ގާއިމުކުރީ މިއަހަރުގެ އެޕްރީލް 16 ގައެވެ. މި ބިއުރޯ އުފެއްދީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް 24 ގަޑިއިރު ބަލައިގަނެ ހިދުމަތް ދެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ލައުންޖުތަކުގެ އިތުރުން، ސީސީބީން ވަނީ ހިޔާލާއި ޝަކުވާ ހުށަހެޅުމަށް ހާއްސަ "ސިޓިޒަންސް ވޮއިސް" ވެބް ޕޯޓަލެއް ވެސް ތައާރަފުކޮށްފައެވެ. ހަމައެއާއެކު، ދުވާލުގެ 24 ގަޑިއިރު ހިދުމަތް ލިބޭ ކޯލް ސެންޓަރެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
ސީސީބީގެ ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ކޯލް ސެންޓަރުގެ ހިދުމަތް ވެސް ރައްޔިތުންނަށް ލިބޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ކޮމެންޓް