މިސްރުގެ ގާހިރާގެ ހައިވޭއެއްގައި ދަތުރުކުރި ތެޔޮ ޓޭންކަރެއް އެކްސިޑެންޓްވެ، ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައި ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.

ރައީސްގެ މެސެޖުގައި، މި ހާދިސާގެ ސަބަބުން އެތައް ބައެއްގެ އަގުހުރި ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކަކާ އެކު ގިނަ ބަޔަކަށް އަނިޔާވި ހަބަރު އެއްސެވީ އިންތިހާއަށް ކަންބޮޑުވެވަޑައިގެން، ފުން ހިތާމައާ އެކުގައިކަމަށް ބަޔާންކުރައްވާފައިވެއެވެ.

އަދި މި ބޮޑު ހިތާމައިގައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ބައިވެރިވާކަން ހާމަކުރައްވައި، މިސްރުގެ ސަރުކާރަށާއި ރައީސް ސީސީއަށް އަދި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނަށް އެމަނިކުފާނު ވަނީ އިހްލާސްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ.

އަލިފާނުގެ ހާދިސާގައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދިވަޑައިގެން ރައީސް ދުއާ ދަންނަވާފައިވެއެވެ.

އަދި، ހާދިސާ ހިނގި ސަރަހައްދުގައި މީހުން ސަލާމަތްކުރުމަށާއި، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ފުރިހަމަ ކާމިޔާބީއެއް މިންވަރުކޮށްދެއްވުމަށް ވެސް ރައީސް މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.