ގައުމީ މުހިންމު ކަންކަމުގައި މަޝްވަރާ ހޯއްދެވުމަށްޓަކައި "ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" ގެ ނަމުގައި ހާއްސަ މަޖިލީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެކުލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި މަޖިލީހަކީ ގައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމުގައްޔާއި، ސަރުކާރުގެ ކަންކަން ރަނގަޅުގޮތުގައި ގެންދިޔުމުގައްޔާއި އަދި ގައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވުމަށްޓަކައި އުފެއްދެވި މަޖިލީހެކެވެ. މިއަދު އެކުލަވާލެއްވި މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ސީދާ ރައީސެވެ.

މި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރޭގައި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ކަމާލުއްދީން، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިން، އަދި ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން ނިޝާން އަސްކަރީގެ ވެރިޔާ މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ލަތީފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދު މޫސާ، އަދި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއީލް އަލީ ވެސް މި މަޖިލީހުގައި ހިމެނިވަޑައިގަންނަވައެވެ.

މަޖިލީހުގެ އަނެއް މެންބަރުންނަކީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަހުމަދު ނަސީމް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ބަދުރުއްނަސީރު، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އާދަމް އަބްދުއްރަހުމާނު، އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަހުމަދު ޝާކިރެވެ.

ރައީސަށް ލަފާދޭ މިފަދަ ހާއްސަ މަޝްވަރާ މަޖިލީހެއް އުފައްދަވާނެކަން ރައީސް އެންމެ ފުރަތަމަ އިއުލާންކުރެއްވީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.