ޓޫރިޒަމް މިނިސްޓަރު ކަމަށް އަލަށް އައްޔަން ކުރެއްވި، ޑރ. އަބުދުﷲ މައުސޫމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދެވޭނީ އަލުން ހުވައި ކުރައްވައިގެން، މަޖިލީހުގެ ރުހުމަށް އެދިވަޑައިގެން ހުށަހެޅުއްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.
ޑރ. މައުސޫމު ވަޒީރުކަމުގެ ހުވައި ކުރެއްވީއިރު، ހުންނެވީ، ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ކަމަށްބުނެ އޭނާ ކުރެއްވި ހުވައިގެ ސައްހަކަމާމެދު ސުވާލު އުފައްދައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ތުލާދޫ ދާިއރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކޮށްގެންނުވާނެ ކަންތައްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ.
އެގޮތުން ވަޒީރެއްގެ ގޮތުގައިހުރެ، ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވުމަކީ މަނާ ކަމެއް ކަމަށް ނުވަތަ އެއީ ކޮށްގެންނުވާނެ ކަމެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"އެހެންކަމުން ވަޒީރަކު އޭނާ ހުވައިކުރުމަށްފަހު އަދި އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ފަތްކޮޅު އެރުވުމަށްފަހު، އޭނާ އެބަ އެހިސާބުން ވަޒީރުގެ ފަންކްޝަން އެގްޒެކިއުޓް ކުރަން ފަށާ. އަދި އެސިކުންތުން ފެށިގެން އޭނާ ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ކޮށްގެންނުވާނެ،" ހިސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފައީސް ފަތްކޮޅޫ އެރުވި ނަމަވެސް ވަޒީރެއްގެ ވަޒީރުކަން ފުރިހަމަވެގެން އަންނަނީ، އަދި ގާނޫނުއަސާސީން އޭނާ ކުރަން ލާޒިމުކަންތައްތައް އޭނާގެ މައްޗަށް ލާޒިމު ވެގެން އަންނަނީ، މަޖިލީހުން އޭނާއަށް ރުހުން ދިނުމުން ކަމަށެވެ.
ވަޒީރަކު ހުވައިކުރައްވާއިރު، ގާނޫނު އަސާސީން ކުރުން މަނާ ކަމެއް، ކުރުމުގެ މަތީ ދެމިހުރެއްޖެ ނަމަ، އެއީ އޭނަގެ ވަޒީރުކަމުގެ ހުވައި ސައްހަވާނެކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ޑރ. މައުސޫމަށް މަޖިލީހުން ރުހުންދޭންވާނީ އޭނާކުރެއްވި ހުވައި ސައްހަ ކުރުމަށްފަހުގައިކަމަށް ހިސާން ވިާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވެސް ވަނީ ހިސާންގެ ވާހަކައަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފައވެ.
އީވާ ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންފުޅަށް ރުހުން ނުދޭން ބޭނުން ނުވާ ކަމަށެވެ.
ނަަމަވެސް ޑރ. މައުސޫމު ކުރެއްވި ހުވައި ސަައްހަކުރަންޖެހޭ ކަމަށާއި، މަޖިލީހުގައި ވޯޓަށް އެހެނީ އެހުވައި ސައްހަ ކޮށްގެން ކަމަށްވެސް އީވާ ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް