ޓޫރިޒަމް މިިނިސްޓަރު ޑރ. އަބުދުﷲ މައުސޫމުގެ ހުވަޔާމެދު ސުވާލު އުފައްދަވައި، ރުހުން ދިނުމުގެ ވޯޓަށް ނާހަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމައިފިއެވެ.
ޑރ. މައުސޫމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުންދިނުމުުގެ މައްސަލައަށް މިއަދު އޮތީ ވޯޓަށް އަހަން އެޖެންޑާ ކޮށްފައެވެ.
ނަމަވެސް މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރިގޮތުގެ ރިޕޯޓު އެ ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު މަޖިލީހަށް ހުށަހެޅުއްވުމުން މައުސޫމުގެ ވަޒީރުކަމުގެ ހުޔަވާމެދު ސުވާލު އުފެއްދެވީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
އަފީފު ވިދާޅުވީ އެއްވެސް މިނިސްޓަރަކު ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވެގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު މައުސޫމު މިނިސްޓަރު ކަމުގެ މަގާމުގެ ހުވައި ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ކަމަށާއި އެމަގާމުން އިސްތިއުފާ ދެއްވާފައި ނުވާކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަކީ ކުންފުނި ހިންގާ މީހާގެ މަގާމު ކަމަށާއި އެހެންކަމުން އެމަގާމުގައި ހުންނެވުމުން މައުސޫމަކީ އަމަލީގޮތުން ވިޔަފާރީގައި ބައިވެރި ނުވާ ބޭފުޅެއްގެ ގޮތުގައި ބެލެވެން ނެތްކަމަށް ވެސް އަފީފު ވިދާޅުވިއެވެ.
އެހެންކަމުން މައުސޫމު ކުރައްވައިގެން ހުންނެވި ހުވަޔަކީ ސައްހަ ހުވައެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އެ މައްސަލަ ބަލަން ޖެހޭ ކަމަށް އަފީފު ވިދާޅުވިއެވެ. އަދި އެކަންތައް ޔަގީން ކުރެއްވުމަށްފަހު ވޯޓަށް އެއްސެވުމަށް ރިޔާސަތުގެ ކިބައިން އެދިވަޑައިގަންނަަވާ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.
އަފީފުގެ ވާހަކަތަކާގުޅިގެން ފުރުސަތު ހޯއްދަވައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ މި މައްސަލަ ބެލި ކޮމެޓީން އޮންނަން ޖެހޭނީ އެކަން ކަށަވަރު ކޮށްފައި ކަމަށެވެ. މެންބަރު އަފީފު ފާހަގަކުރެއްވި މައްސަލަ ކަށަވަރު ކުރަން ޖެހޭ ކަމަށާއި ވޯޓަށް އެހުމުގެކުރިން ޝަރުތު އޮންނަން ޖެހޭނީ ފުރިހަމަ ވެފައި ކަމަށްވެސް އީވާ ވިދާޅުވިއެވެ.
"ވޯޓަށް އެހުމުގެ ކުރިން ޝަރުތު އޮންނަޖެހޭނީ ފުރިހަމަވެފައި. ފަހުން އިސްތިއުފާ ދެއްވާނަމޭ ވިދާޅުވި ނަމަވެސް އަޅުގަނޑަށް ހިއެއްނުވޭ އަޅުގަނޑުމެންނަކަށް އެވޯޓު ނެގޭނެހެނެއް. އެހެންވީމާ އެކޮމިޓީން ސާފުކޮށް އެކަން ބުނަން ޖެހޭ،" އީވާ ވިދާޅުވިއެވެ.
ކޮމިޓީން އެކަން ކުރިގޮތް އޮޅުންފިލުއްވައިދެއްވަމުން އެ ކޮމެޓީގެ މުގައްރިރު ފަލާހު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން 15 އޯގަސްޓްގައި ކޮމިޓީއަށް ލިބުނު ފުރަތަމަ ސިޓީގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި މައުސޫމު ހުންނެވި ކަމަށް އޮތް ނަމަވެސް، 18 ވަނަ ދުވަހުގެ އެމިނިސްޓްރީން ކޮމެޓީއަށް ލިބުނު ސިޓީގައި މައުސޫމު އެމަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އެއްވެސް ކުންފުންޏެއްގެ ހިންގުމުގައި މައުސޫމް ބައިވެރިވެވަޑައިނުގަންނަވާ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށްވެސް ފަލާހު ވިދާޅުވިއެެވެ.
ނަަމަވެސް ފަލާހު ވިދާޅުވީ މައުސޫމު މިނިސްޓަރުކަމުގެ މަގާމުގެ ހުވައި ކުރެއްވި އިރު ހުންނެވީ ކުންފުނީގެ މެނެޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ކަމަށެވެ.
އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ ގާނޫނުއަސާސީގައި ވަކި ގޮތަކަށް އޮތް ކަމެއް އެހެން ގޮތަކަށް ހެދުމުގެ އިހުތިޔާރެއް މަޖިލީހުގެ ރިޔާސަތަށް ލބިގެން ނުވާ ކަމަށެވެ. އެހެންކަމުން އެކަމާމެދު ގޮތެއް ނިންމުމަށް މަޖިލިސް ރައީސް މަޖިލީހުގެ ކައުންސެލް ޖެނެރަލްއާ މަޝްވަރާ ކުރެއްވިއެވެ.
އެ މަޝްވަރާއަށްފަހު މަޖިލިސް ރައީސް ވިދާޅުވީ ކައުންސެލް ޖެނެރަލްގެ ލަފަޔަކީ ސައްހަ ހުވައެއް ކުރައްވައިގެން މައުސޫމު އަލުން ޓޫރިޒަމް މިނިސްޓަރުކަމަށް ވަޑައިގެންނެވުން ކަމަށެވެ.
އެހެންކަމުން އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވަން ނިންމެވިކަމަށްވެސް ވިދާޅުވިއެވެ. އެކަމުގައި ދެން އޮތް ގޮތަކީ ރިޕޯޓުތަކަށް މަޖިލީހުގެ ތަޅުމުގައި އިސްލާހު ހުށަހަޅާގޮތަށް އެ ރިޕޯޓަށްވެސް އިސްލާހު ހުށަހެޅުން ކަމަށާއި ނަމަވެސް އެކަމަކީ އިސްލާހު ހުށަހެޅުމަށްވުރެ ބޮޑު ކަމަށް ވާތީ އެ މައްސަލަ އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވި ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ބަނދެވިފައި އިންނަނީ ގާނޫނުއަސާސީ އާއި ކައުންސެލް ޖެނެރަލްގެ ލަފާގެ ތެރޭގައި. އަދި އަމީންއާއްމުުގެ ލަފާގެ ތެރޭގައި. އެހެންވެ ކައުންސެލް ޖެނެރަލް ވިދާޅުވީ ބުއްދިވެރި ގޮތަކީ ސައްހަ ހުވައެއް ކުރައްވައިގެން ވަޑައިގެންނެވުން ކަމަށް އެެހެންވީމާ އަޅުގަނޑުވެސް ދަންނަވަން ޖެހެނީ މި ރިޕޯޓަށް އަޅުގަނޑަށް ވޯޓަށް އެހެން ނެތް ވާހަކަ، ކޮމިޓީން މި ރިޕޯޓް އިތުރަށް ބަލައި ވީހާވެސް އަވަހަށް މަޖިލީހަށް ގެނައުމަށް އެދެން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އެގޮތަށް ނިންމެވުމާ ގުޅިގެން މައުސޫމުގެ މައްސަލައިގައި ހިޔާލު ދެކަފިވެ މެންބަރުންގެ ބަހުސް ފެށުނެވެ.
ބައެއް މެންބަރުން ވިދާޅުވީ މައުސޫމު ކުރެއްވި ހުވަޔަކީ ސައްހަ ހުވައެއް ކަމަށެވެ. މިނިސްޓަރެއްގެ ހުވައި ކުރެއްވުމާއެކު އެހިސާބުން މިނިސްޓަރުގެ މަސްއޫލިއްޔަތު އުފުލަން ފެށޭނެ ކަމަށާއި ގާނޫނު އަސާސީއާ ހިލާފު ކަމަކަށް އެކަން ވާނީ އެ ވިޔަފާރީގެ މަތީގައި ދެމިހުރުން ކަމަށެވެ. އަދި މިނިސްޓަރުކަމުގެ މަގާމު ފުރިހަމަވާނީ މަޖިލީހުން ރުހުން ދިނުމުން ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް