ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލި 41 މީހުންނާ އިންޓަވިއުކޮށް، އެ ކޮމިޝަންގެ މެންބަރުކަމަށް ޝަރުތު ފުރިހަމަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝޯޓްލިސްޓް ކުރި 13 މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހާއްސަކޮށް އެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއް ހިމެނޭ ކަމަށް ވިދާޅުވެ އެ މައްސަލަ ބެލުމަށް ރައްޔތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް އަންގަވައިފިއެވެ.
ސީއެސްސީއަށް ކުރިމަތިލި 41 މީހުންގެ ނަން ދިރާސާކުރުމަށް މަޖިލިސް ރައީސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން، އޭގެ ތެރެއިން ޝަރުތު ފުރިހަމަވާ 13 ބޭފުޅެއްގެ ނަން ޝޯޓް ލިސްޓް ކުރުމަށްފަހު އެ ކޮމިޓީން ވަނީ އެކަމުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.
ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ މިނިވަން މުއަައްސަސާތަކުގެ ކޮމިޓީން އެފަރާތްތައް ޝޯޓްލިސްޓު ކުރިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަދި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމަށް ފެނިވަޑައިގަންނަވާ ބޭފުޅަކު އެ ލިސްޓުގައި ހިމެނޭ ކަމަށެވެ.
އެހެންކަމުން އިމްތިޔާޒާއި ސުލޫކު ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓް ވީ އެންމެ އަވަހަކަށް އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މަޖިލިސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ނަމަވެސް މަސްލަހަތު ހިނޭ ކަމަށް ވިދާޅުވާ މެންބަރުގެ ނަމެއް އަދި އެ ލިސްޓުގައި ހިމެނޭ މީހާގެ ނަންވެސް މަޖިލިސް ރައީސް ވިދާޅެއް ނުވެއެވެ.
މަޖިިސް ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެން ދަނީ ދެފުށް ފެންނަ ގޮތަށް ވަކި އަތަކަށް ބުރަ ނުވެ އަމިއްލަ މަސްލަހަތަށް ނުބަލައި ރާއްޖޭގެ މުއައްސަސާތައް ބިނާކުރަން މަސައްކަތްކުރަމުންދާތީ ކަމަށެވެ.
މިނިވަން މުއައްސަސާތަކުގެ މަގާމުތަކަށް ގާބިލު ބޭފުޅުން ކަނޑައެޅުމަކީ މަޖިލީހުގެ އެންމެ ބޮޑު އެއްވައުދު ކަމަށާއި އެއީ މަޖިލީހުގެ އެންމެ ބޮޑު މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސީއެސްސީއަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ މައްސަލަ ފުރަތަމަ ބެލުމަށްފަހު ޝަރުތު ހަމަވާކަމަށް ކޮމިޓީން ފުރަތަމަ ޝޯޓްލިސްޓް ކުރީ 15 މީހުންގެ ނަމެވެ.
ނަމަވެެސް އެއަށްފަހު، އެލިސްޓުގައި ހިމެނުނު މަރިޔަމް މުނާ އާއި އަހުމަދު މޫސާގެ ޝަރުތު ހަމަނުވާ ކަމަށް އެ ކޮމެޓީން ފަހުން ނިންމިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް