ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބުނު، ބައެއް ކެޓަގަރީތަކުގެ ވަގުތީ ލިސްޓު އިއްޔެ އާއްމު ކޮށްފައިވާއިރު، އެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ސަރުކާރުން ގެންގުޅުނު މިންގަނޑުތައް ހާމަކުރުމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެދި ވަޑައިގެންފި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓް ތަކުގެ ބައެއް ކެޓެގަރީތަކުން ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު، ޕްލޭނިންގ އެންޑް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ.

އެކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ހިޔާ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު ވަަރަށްގިނަ މީހުންގެ ނަންތައް ސަރުކާރުން އިއްޔެ އިއުލާން ކޮށްފައިވާ ކަމަށެވެ.

އެއީ ވަރަށްބުރަ މަސައްކަތެއް ކަމަށާއި، އެމަސައްކަތް ކޮށްދެއްވައި ނިންމެވި، ފަރާތްތަކަށް މަޖިލިސް މެންބަރުންގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، މިބާވަތުގެ ކޮންމެ މަސައްކަތަކީ އަތްދަށުން ކަންކަން ކައްސާލައިގެން ދާނެ ކަންކަން، ކަމަށާއި، އެތައް ބައެއްގެ ޝަކުވާ، އޭގައި ހިމެނޭނެ ކަންކަން ކަމަސްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފްލެޓް ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ރައްޔިތުންނަށް ހުޅުވާލާފައިވާކަން ފާހަގަ ކުރައްވައި، މަޖިލިސް ރައީސް ވިދާޅުވީ، ނަމަވެސް އެކަން ރައްޔިތުންނަށް ފަހިވެގެންދާނީ، "އެކަމުގައި ދިރިއުޅުމުގެ ފެންވަރު މިނުން ނުވަތަ އެހެންވެސް ކަމެއް މިނުމަށް އެ ގެންދުޅުއްވި މިންގަނޑުތައް ރައްޔިތުންނަށް ސާފުވީމައި އެމިންގަނޑުތަކަށް އެމީހަކު ފެތި އެމީހަކަށް އެ ލިބެންވާޕޮއިންޓް ލިބުނުކަމަށް، ނުވަތަ ނުލިބޭކަމަށް ނިންމުން ފަސޭހަވާނެ،" ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުންވެސް އެދެނީ އެ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދެއްވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.