ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކުރިމިނަލް ކޯޓުން އެންގުމާ ގުޅިގެން ވަކީލުންގެ ބައްދަލުވުމަށް ފުރުސަތު ދީފިއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނާއި ވަކީލުން ބައްދަލުވީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި ދުވަސް ދެކެން ޖެހޭނެ ކަމަށް ހީ ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީން އެ ކަށަވަރުކުރީ ރައީސް ސޯލިހު އެ ވިދާޅުވާ ތާހިރު އަދުލުގެ ނިޒާމު. މިއަދު ހޯމް މިނިސްޓަރު އެ ވިދާޅުވާ ހުރިހާ ވާހަކަތަކެއް ދެކޮޅު ނުޖެހޭ. ގާނޫނާ ހިލާފު ވާހަކަތަކެއްކަން އެނގިގެން މިދިޔައީ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހައްޔަރުކުރުމަށްފަހު އެމަނިކުފާނުގެ އަސާސީ ހައްގުތަކަށްޓަކައި މިއަދު އާދޭސް ކުރަން ޖެހިފައިވާ ކަމަށެވެ.

"އަމީރުންނާއި އަމީރާއިން ދަނީ އެމަނިކުފާނުގެ ތަރައްގީގެ ތަހުތުގައި ވެޑުވަމުން. ގައުމުގެ އުންމީދު އޮތީ އަދިވެސް ރައީސް ޔާމީނާއެކު. އިންޝާﷲ، މިކަން ކާމިޔާބު ކުރާނަން،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދިނުމަށް އަންގައި ކްރިމިނަލް ކޯޓުން ކަރެކްޝަނުން ފޮނުވި ސިޓީވެސް އާންމު ކުރައްވައިފައެވެ. އެ ސިޓީގައި ރައީސް ޔާމީނާއި ވަކީލުން ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން ކަރެކްޝަނަށް އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ބައްދަލުވުން މިއަދު މެންދުރުފަހު 2:00 އަށް ހަމަޖައްސައިދިނުމަށްވެސް ސިޓީގައި އަންގާފައިވެއެވެ.

ރައީސް ޔާމީނަށް ވަކީލުންގެ ބައްދަލުވުން ހަމަޖައްސައި ނުދޭތީވެ، ވަކީލުންގެ ޓީމުން ކަންބޮޑުވުން ފާޅުކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމާ ގުޅިގެން ކުރިމިނަލް ކޯޓާއި ހައިކޯޓުގައި ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުވުމެއް ހަމަޖައްސަން ކަރެކްޝަނަލް ސާވިސްގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.