ކޮވިޑް 19 އިތުރަށް ފެތުރަ ނުދިނުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އެހެން ބައެއް އަމިއްލަ ވިޔަފާރިތައް ކުރާ ފަތާތްތަކަށް ގެއްލުންވެ އިނދަ ޖެހޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ގުރުއަތުން ހޮވިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ކުރުމަށް ހުޅުވައިލި ފުރުސަތުގައި ވާހަކަ ދައްކަވަމުން މެންބަރު ނަޝީދު ވިދާޅުވީ ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ރޭގަނޑު 8:00 އިން ފަތިހު 5:00 އާ ދެމެދު މާލޭ ސަރަހައްދުގައި އުޅަނދުފަހަރު ދުއްވުން މަނާ ކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ކުދި ވިޔަފާރިތައް ބަނގުރޫޓު ވަމުންދާ ކަމަށެވެ.
އޭގެ އިތުރުން ލޮކްޑައުންގެ ހާލަތުގައި ރައްޔިތުން ބައިތިިއްބައިގެން އެއްބަޔަކު ހިޔާނާތްތެރިވެ ދައުލަތުގެ ފައިސާ ކައި ހުސްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މި ދަނޑިވަޅުގައި ހަރަދު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އިތުރު ފައިސާ ސަރުކާރަށް ފޯރުކޮށްދީފައިވާއިރު، އެފަދަ ކަންކަން ހުއްޓުވައި ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންތައްތައް ކުރަންޖެހޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ ގެއްލުންވާ ވިޔަފާރިތަކަށް ބަދަލު ދިނުމާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދިނުމުގައިވެސް ހަމަހަމަ ކަމެއް ނެތް ކަމަށެވެ. އެގޮތުން ސަރުކާރުން ދޭ މާލީ އެހީތެރިކަން ބައެއް ވިޔަފާރިތަކަށް ނުލިބޭއިރު ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެލަވަންސްވެސް ހަމަހަމަގޮތުގައި ދޭން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާލަތުގައި އާއްމު ވިޔަފާރިތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނުން ދައްކަން ޖެހޭ އެއްވެސް ޖީއެސްޓީއެއް އަދި ކުއްޔެއް ލުއިތަކެއްދީ ކަނޑާލަދީފައި ނުވާއިރު ރިސޯޓްތަކުން ދައްކަން ޖެހޭ ކުލި ކަނޑާލައި އެކި ލުއިތައް ދީފައިވާ ކަމަށެވެ.
އެހެންކަމުން ނަޝީދު ހުށަހަޅުއްވި ކުއްލި މައްސަލައިގައި ވަނީ އެ ކަންބޮޑުވުންތަކާ މެދު މަޖިލިސް މެންބަރުން ހިޔާލު ފާޅުކުރުމަށް އެދިވަޑައިގެންފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް