ފްރާންސް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފޮނި އުންމީދުތަކަށް ނިމުމެއް ގެނެސް، ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކުން ހަވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފިއެވެ.

ޕޯޗުގަލްގެ އެސްޓޭޑިއޯ ޑަ ލުޒްގައި މިރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީގެ މައްޗަށް ބަޔާނުން ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ޕީއެސްޖީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ކީލިއާން އެމްބާޕޭ ދިން ބޯޅައަކުން ނޭމާ ފޮނުވާލި ހަމަލާ، ބަޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ ވަނީ މަތަކޮށްފައެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ބަޔާނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި ސްޓްރައިކަރުންގެ ތެރޭގައި ހިމެނޭ ބަޔާންގެ ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ހަމަލާ އަމާޒުވީ ޕީއެސްޖީ ގޯލުގެ އަރިމަތީ ދަނޑިއަކަށެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ވެސް ބަޔާންގެ ޕޮލެންޑް ފޯވަޑް ލެވަންޑޯސްކީގެ ހަމަލާއެއް ފެނިގެންދިޔައެވެ. ސާޖް ގްނަބްރީ ނަގައިދިން ހުރަހަކުން ލެވަންޑޯސްކީ ބޮލުން ފޮނުވާލި އެ ހަމަލާ، ޕީއެސްޖީގެ ކީޕަރު ކޭލާ ނަވާސް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޖޯޝުއާ ކިމިޗް ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު ކިންގްސްލީ ކޮމާންއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކޮމާން ފޮނުވާލި ހަމަލާ އަމާޒުވީ ޕީއެސްޖީ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރުމަށް ޕީއެސްޖީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޕީއެސްޖީގެ ބްރެޒިލް ޑިފެންޑަރު މާކުއިނިއޯސް ފޮނުވާލި އެ ހަމަލާ، ބަޔާންގެ ތަޖުރިބާކާރު ކީޕަރު ނޯޔާ ވަނީ މަތަކޮށްފައެވެ.

މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ވެސް ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެރިކް މެކްސިމް ޗޫޕޯ މޯޓިން ދިން ބޯޅައަކުން ޕީއެސްޖީގެ އެމްބާޕޭ ފޮނުވާލި އެ ހަމަލާ ވެސް ބަޔާން އަދި ޖަރުމަން ގައުމީ ޓީމުގެ ވެސް ކެޕްޓަން ނޯޔާ ވަނީ މަތަކޮށްފައެވެ.

މިއީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި ބަޔާނުން ފައިނަލުގައި ވާދަކުރި 11 ވަނަ ފަހަރެވެ.

މިސީޒަނުގެ ކާމިޔާބާއެކު ބަޔާނުން ވަނީ ޖުމުލަ ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އިނގިރޭސިވިލާތުގެ ލިވަޕޫލުން ވެސް ވަނީ ހަ ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ. މުބާރާތުގެ އެންމެ ކާމިޔާބު ކްލަބު ސްޕެއިންގެ ރެއާލް މެޑްރިޑުން 13 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، އިޓަލީގެ އޭސީ މިލާނުން ވަނީ ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ސްޕެއިންގެ ބާސެލޯނާއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައިވަނީ ފަސް ފަހަރެވެ.