މާސްކު ނާޅައި އުޅުނު 2400 އަށްވުރެ ގިނަ މީހުންނަށް ފިޔަވަޅު އެޅުނު ކަމަށާއި އެކަކަށް ހަ ފަހަރު ފިޔަވަޅު އެޅުނު ކަމަށް ފުލުހުން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މާސްކު ނާޅައި އުޅެގެން ފިޔަވަޅު އެޅުނު މީހުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފިޔަވަޅު އެޅިފައިވަނީ 18 އަހަރާއި 40 އަހަރާ ދެމެދު އުމުރުފުރާގެ މީހުންނަށް ކަމަށާއި އެގޮތުން އެ އުމުރުފުރާގެ 1951 މީހަކަށް ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.
"މާސްކު ނާޅާތީ ފިޔަވަޅު އެޅުނު އަދަދަށް ބަލާއިރު، 18 އަހަރުން ދަށުގެ 116 މީހަކަށް އަޅުގަނޑުމެންނަށް އެޓެންޑުކުރެވިފައި އެބަވޭ. އަދި 18 އަހަރާއި 40 އަހަރާ ދެމެދު އުމުރުފުރާގެ 1951 މީހުންނަށް އަޅުގަނޑުމެންނަށް އެޓެންޑުކުރެވިފައި އެބަތިބި. އަދި 41 އަހަރާއި 65 އަހަރާ ދެމެދުގެ 353 މީހަކަށް އަޅުގަނޑުމެންނަށް އެޓެންޑުކުރެވިފައި އެބަތިބި. އަދި 65 އަހަރުން މަތީގެ އަށް މީހަކަށް. އެހެންވީމާ ޖުމުލަ 2428 މީހަކަށް ކާފިއު ގަޑީގައި ބޭރުގައި އުޅެނިކޮށް އަޅުގަނޑުމެންނަށް ފިޔަވަޅު އެޅިފައި އެބަހުރި،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މާސްކު ނާޅައި އުޅެގެން ތަކުރާރުކޮށް ވެސް ގިނަ ބަޔަކަށް ފިޔަވަޅު އެޅިފައިވާ ކަމަށާއި އެގޮތުން އެކަކަށް ހަ ފަހަރު ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.
"ތަކުރާރު އަދަދަށް ބަލާއިރު، 1990 މީހަކަށް އެއް ފަހަރު އެބަހުރި އެޓެންޑު ކުރެވިފައި. 162 މީހަކަށް ދެ ފަހަރު އެޓެންޑު ކުރެވިފައި. 26 މީހަކަށް ތިން ފަހަރު އެޓެންޑު ކުރެވިފައި. ދިހަ މީހަކަށް ހަތަރު ފަހަރު އެޓެންޑު ކުރެވިފައި. އަދި އެކަކަށް ހަ ފަހަރު އެޓެންޑު ކުރެވިފައިވޭ. އޭގެ އިތުރުން އަޅުގަނޑުމެންނަށް 137 ބިދޭސީއަކަށް އެޓެންޑު ކުރެވިފައިވޭ." އޭނާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު