ކެފޭ ރެސްޓޯރަންޓު ވިޔަފާރި ކުރާ މީހުން ދަރުބާރުގެ ކައިރީ މުޒާހަރާ ކުރަން ފަށައިފިއެވެ.
މި މުޒާހަރާއަކީ ރޭގަނޑު އަށަކުން ފެށިގެން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުމާ ގުޅިގެން އެމީހުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ކުރިއަށް ގެންދާ މުޒާހަރާއެކެވެ.
މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެމުން ރެސްޓޯރަންޓު އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ މި މުޒާހަރާއަކީ އެ އެސޯސިއޭޝަނާއި ގުޅުމެއް ހުރި މުޒާހަރާއެއް ނޫން ކަމަށް ބުނެފައެވެ. އަދި މި މުޒާހަރާގައި އެ އެސޯސިއޭޝަނުގެ އެއްވެސް މީހަކު ނޫޅޭނެ ކަމަށާއި، ކެފޭ ރެސްޓޯރަންޓު ތަކަށް ދިމާވާ އެކި އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށް އެ އެސޯސިއޭޝަނުން ސަރުކާރުގެ އެކި އިދާރާތަކާއި ކަމާ ބެހޭ އެކި އިދާރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
އެ އެސޯސިއޭޝަނުން ވަނީ މި މުޒާހަރާއަކީ ރޭގަނޑު އަށަކުން ފެށިގެން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ ސަބަބުން ކެފޭ ރެސްޓޯރަންޓު ހިންގާ ވިޔަފާރަވެރިންތަކެއް ރާވައިގެން ކުރިއަށް ގެންދާ މުޒާހަރާއެއް ކަމަށް މައުލޫމާތު ދީފައެވެ.
މި މުޒާހަރާގެ ބައިވެރީން އަންނަނީ އެމީހުންގެ ހިޔާލު ފާޅުކުރުމުގެ ގޮތުން އެކިކަހަލަ ލިޔުންތައް ހިފައިގެން މަގުމަތީ މުޒާހަރާ ކުރަމުންނެވެ. މާސްކު އަޅައިގެން ތިބެ މުޒާހަރާގެ ބައިވެރިންގެ ހިޔާލު އެމީހުން ފާޅު ކޮށްފައިވަނީ އެމީހުން ހިފަހައްޓައިގެން ތިބި ބޯޑުތަކުންނެވެ. އެގޮތުން މި ބޯޑުތަކުގައި، ވިޔަފާރިތަކަށް ޑެލިވަރީ ކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގޮވާލާފައި ވެއެވެ.
މީގެ އިތުރުން މި އާ ގަވައިދު އެކުލަވައިލުމުގެ ސަބަބެއް ދެއްކުމަށްވެސް ގޮވާލާފައި ވެއެވެ. އެޗްޕީއޭއިން ކުދި ވިޔަފާރިތަކަށް ފުރައްސާރަ ކުރާ ކަމަށް ބުނެ، މިފަދަ ފުރައްސާރަ ކުރުން ހުއްޓާލުމަށްވެސް ގޮވާލާފައި ވެއެވެ.
ރޭގަނޑު 8:00 އާއި ފަތިހު 5:00 އާ ދެމެދު މާލޭ ސަރަހައްދުގެ މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ނިންމި ނިންމުން އާންމު ކޮށްފައިވަނީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ނިންމުމުގެ އަމާޒަކީ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މުޒާހަރާ
މުޒާހަރާ