ޖަލަށްލާފައިވާ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި މާލޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި، ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) މިއަދު ބަންދުން ދޫކޮށްލައިފިއެވެ.
އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ލޫކަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ޖަލަށްލުމާ ގުޅިގެން، އެ މީހުން ދޫކޮށްލުމަށް ގޮވާލައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިންނެވެ.
އެ ރޭގެ މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރެއިން ހަތް މީހަކު ދޫކޮށްލި ނަމަވެސް، ލޫކަސް ހިމެނޭހެން ތިން މީހެއްގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްފައެވެ. ލޫކަސް މިއަދު ބަންދުން ދޫކުރީ އެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެ މުޒާހަރާގައި، މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ނޫސްވެރިން މިނިވަންކުރުމަށް ވަނީ ގޮވާލާފައެވެ. އެ މުޒާހަރާތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއްވެސް ވަނީ ހިނގާފައެވެ.
ޖަލަށްލީ ނޫސްވެރިންގެ ތެރެއިން ލީވާން އަލީ ނަސީރުގެ 10 ދުވަހުގެ ހުކުމް ހަމަވުމުން އޭނާ މިދިޔަ ހުކުރު ދުވަހު ވަނީ ދޫކޮށްލާފައެވެ. އަދި 15 ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުންދާ މުހައްމަދު ޝަހުޒާން އަންނަ ބުދަ ދުވަހު މިނިވަންވާނެ ކަމަށް ބެލެވެއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް