މަނާ ސަރަހައްދުތަކުގައި އެއްވުން ބާއްވައި، މުޒާހަރާ ކުރަމުންދާ ނަމަ، އެއް އެއްވުމެއް ނުވަތަ މުޒާހަރާއެއް ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން މިރޭ ދީފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާއި، "ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު"އާއި އެ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން ލިބިދީފައިވާ ހައްގުތައް އެއްވެސް ތަފާތުކުރުމެއްނެތި، ގާނޫނީ އިމުގެ ތެރެއިން ހިމާޔަތްކޮށްދިނުމުގައި ފުލުހުން ދެމިތިބޭނެ ކަމަށެވެ.

މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކާ ގުޅިގެން މަގުތައް ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން، ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށް ފުލުހުން ބުންޏެވެ.

"ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފުލުހުން ލިޔުމުން ދޭ ހުއްދައެއް ނެތި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ, ލޭބާ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި އެކަންޏެވެ. ވީމާ، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ" ފުލުހުން ބުންޏެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުން އާންމު ރައްކާތެރިކަމާއި، ދަތުރުފަތުރުގެ ނިޒާމަށާއި، އެހެން ފަރުދުންގެ ހައްގުތަކަށް އިހުތިރާމުކުރަންޖެހޭނެކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މި އަސާސީ ހައްގުގެ ބޭނުންހިފުމުގައި، އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށް އިލްތިމާސްކުރާކަމަށް ފުލުހުން ބުންޏެވެ.

"އަދި ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށާއި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން، އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންދާނެވާހަކަވެސް ދަންނަވަމެވެ" ފުލުހުން ބުންޏެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމަކީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވީހިނދު، އެފަދަ އެއްވުންތައް ކުރިއަށްގެންދަންވާނީ ރައްޔިތުންގެ ސަލާމަތާއި، އަދި އެހެނިހެން ފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަމަށް އިހުތިރާމުކުރެވޭ ފަދަ ސުލްހަވެރި މާހައުލެއްގައިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން، އެފަދަ އެއްވުންތަކާއި ހިނގާލުންތައް ކުރިއަށްދާ ސަރަހައްދުތަކުގެ މަގުތައް ބެލެހެއްޓުމާއި، ބޭނުންވާ އެންމެހައި ސަލާމަތީ އިންތިޒާމުތައް ހަމަޖައްސައިދޭނެކަމަށް ފުލުހުން ބުންޏެވެ.