ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ހޯދަންވީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ބްރެޒިލް ތަރި ނޭމާ ނޫން ކަމަށާއި މިވަގުތަށް ހޯދުން އެންމެ ރަނގަޅީ ޕީއެސްޖީގެ ފްރާންސް ތަރި ކީލިއާން އެމްބާޕޭ ކަމަށް ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑޯ ބުނެފިއެވެ.
މެޑްރިޑުން އެމްބާޕޭ ގެންދިއުމުގެ ވާހަކަ މީގެ ކުރިން ވެސް ދެކެވިފައިވާ އިރު، އަންނަ އަހަރު އެކްލަބުން އޭނާ ހޯދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި 2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑު އަގަކަށް ޕީއެސްޖީއާ ގުޅުނު ބާސެލޯނާގެ ކުރީގެ ފޯވަޑް ނޭމާ ހޯދުމަށް ވެސް މީގެ ކުރިން މެޑްރިޑުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.
މެޑްރިޑާއެކު 03-2002 ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރޮނާލްޑޯ ދެކޭ ގޮތުގައި ނޭމާ ހޯދުމުގެ ވިސްނުން ހޯދުން ދޫކޮށްލައި، މެޑްރިޑުން އެމްބާޕޭ ހޯދަން ޖެހެއެވެ.
"މިވަގުތު ބަލަންވީ އޭގެ ތެރެއިން މޮޅު ކުޅުންތެރިޔަކީ ކޮބައިކަމެއް ނޫން. މެޑްރިޑުން ބޮޑު އިންވެސްޓްމަންޓެއް ކުރާ ނަމަ، އެމީހުން އެބަ ޖެހޭ ކުރިމަގަށް ވިސްނަން. ނޭމާގެ އުމުރަނީ 28 އަހަރު. އަދި އެމްބާޕޭއަށް 22 އަހަރު. އިންވެސްޓްމަންޓުގެ ގޮތުން ރަނގަޅުވާނީ އުމުރުން ހަގު ކުޅުންތެރިޔާ ހޯދުން،" ސަންޓެންޑާ އިން ބޭއްވި ވެބިނާއެއްގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުންޏެވެ.
އެމްބާޕޭ އާއި ނޭމާ މިހާރު ތައްޔާރުވަމުން އަންނަނީ މިރޭ ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށެވެ. އެ މެޗު ވެގެންދާނީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ޕީއެސްޖީން ވާދަކުރާ ފުރަތަމަ މެޗަށެވެ.
ނޭމާ ވަނީ މީގެ ކުރިން ބާސާއާއެކު 2015ގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޕީއެސްޖީއާއެކު ފްރާންސްގެ ބޮޑެތި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޭނާއަށް ޕީއެސްޖީއާއެކު ހޯދިފައިނުވާ ބޮޑު މުބާރާތަކީ ޔޫރަޕުގެ ޗެމްޕިއަންކަމެވެ.
"މިސީޒަނުގައި ނޭމާ އެބަޖެހޭ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން. ފާއިތުވެދިޔަ މެޗުތަކުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައި. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި. މަދުވީ އެ ފުރުސަތުތަކުން ލަނޑު ޖެހުން. އޭނާއަށް ފައިނަލުގައި އެ ފުރުސަތުތަކުގެ ބޭނުން ހިފައި ލަނޑުތައް ކާމިޔާބުކުރެވޭނެ،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ވަނީ ބާސާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. ހާއްސަކޮށް ބާސާ ދޫކޮށް އެހެން ކްލަބަކާ މެސީ ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ.
"ބާސާ ދޫކޮށް މެސީ ދާނެ ކަމަށް ގަބޫލެއް ނުކުރެވޭ. ހާއްސަކޮށް ޔޫރަޕުގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން އެކަން ވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. މެސީއަކީ ބާސާގެ އެންމެ މުހިންމު ކުޅުންތެރިޔާ. އަހަރެންނަކީ ބާސާގެ ވެރިއެއް ނަމަ، އަހަރެން އޭނާ ހިފަހައްޓަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ މެސީ އާއި ބާސާއާ ދެމެދު އުފެދިފައިވަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށާއި އެ ގުޅުމަށް ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް