ކޮވިޑާ ގުޅިގެން މި އަހަރުގެ ދައުލަތުގެ ބަޖެޓުން 15 ވަރަކަށް ބިލިއަން ރުފިޔާގެ ޝޯޓޭޖެއް (މަދުވުމެއް) އުޅޭނެ ކަމަަށް ލަފާކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ނާޝީޒު ވިދާޅުވީ ކޮވިޑާ ގުޅިގެން ދިމާވި ހާއްސަ ހާލަތުގެ ސަބަބުން ދައުލަތަށް ވަންނަ އާމްދަނީ ވަރަށް ބޮޑުތަނުން ދަށްވެގެންދާނެ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ގާތްގަނޑަކަށް 14 ނުވަތަ 15 ވަރަކަށް ބިލިއަން ރުފިޔާގެ ޝޯޓޭޖެއް ބަޖެޓުގައި އުޅޭނެ. އެ ޝޯޓޭޖް ފައިނޭންސް ކުރަން އިތުރު އެޑިޝަނަލް ފައިނޭންސް އަޅުގަނޑުމެން މިއަދު ނަގަން ޖެހޭނެ، ނުނަގައިފިނަމަ ސަރުކާރެއް ނުހިނގާނެ، ސަރުކާރު މުއައްޒަފުންނަށް ދޭން ޖެހޭ މުސާރަވެސް ނުދެވޭނެ،" އޭނާ ވިދާޅުވިއެވެ.
ނާޝީޒު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ވެސް ނުދެވޭނެ ކަމަށާއި ނަމަވެސް ގޮންޖެހުންތަކުގައި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ރަނގަޅުގޮތަށް އެކަންކަން މެނޭޖް ކުރަން ޖެހޭ ކަމަށެވެ. ފައިސާ ބޮރޯ ކުރަން ޖެހޭ ހާލަތްތަކުގައި އެކަންވެސް ކުރަން ޖެހޭނެ ކަމަށެވެ.
"މިއީ ސަރުކާރެއް އޮތުމުގެ ބޭނުމެއް ނޫން. ސަރުކާރެއް އޮތުމުގެ ބޭނުމަކީ އެހެން ދިމާވާ ހާއްސަ ހާލަތްތަކާއި އަދި އެހެން ދިމާވާ ގޮންޖެހުންތަކުގައި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ނުވަތަ އުކުޅު ބޭނުންކޮށްގެން އޭގެ އެންމެ ރަނގަޅުގޮތަށް އެކަންކަން މެނޭޖް ކުރުން. ބޮރޯވެސް ކުރަން ޖެހޭނެ. އެކަންތައްތަކާއެކީގައި މެނޭޖް ކުރުމަށް ސަރުކާރެއް މި އޮންނަނީ،" ނާޝިޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރު ބަދަލުވި މަރުހަލާގައި ޓްރާންސިޝަނަލް ފައިނޭންސް ކޮމިޓީގެ ކޯ ޗެއާއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު، ހެދި ޕްލޭންގައި ފުރަތަމަ ކަމަކަށް އެންމެ ބޮޑު ސަމާލުކަމެއް ދިނީ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އަސާސީ ހިދުމަތްތަކަށް ހިންގަންޖެހޭ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ މި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ އިންވެސްޓްމަންޓްތައް ކުރުމުގައި ހަރަދު ކުރަން ޖެހޭ ކަމަށާއި ލިބޭ އާމްދަނީއަށްވުރެ ހަރަދުތައް އިތުރުވާނަމަ ބޭރުގެ އެހީ ނުވަތަ އެއަށް ފައިނޭންސް ކުރާނެ އިތުރު ގޮތްތަކެއް ހޯދަންވެސް ޖެހޭ ކަމަށެވެ. އެހެންކަމުން ކަންކަން ހާސިލުކުރަން ބޭނުންވާ ނަމަ ހަރަދު ކުރަންވެސް ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތް ގޮތުން ނަމަ ފުރަތަމަ ދެއަހަރުގެ ތެރޭގައި އިތުރު ހަރަދު ދިޔަކަމުގައިވީ ނަމަވެސް އަދި އިތުރު ފައިނޭންސް ހޯދައިގެން ނަމަވެސް އެ ހިދުމަތްތައް ގާއިމް ކުރުމަކީ އެއީ ސަރުކާރުގެ ވިސްނުން. ލިޔެކިޔުމުން ފެންނަން ހުންނާނެ ތިން ވަނަ އަހަރުން ފެށިގެން އޮންނާނީ ދަރަނި އަދާކުރުމާއި ދަރަނި ކުޑަކުރުމަށް މަސައްކަތް ކުރުން. އެހިސާބުން ފެށިގެން ކެޕިޓަލް ޕްރޮޖެކްޓްތަކަށް ކުރާ ހަރަދު ކުޑަވެގެން އައީމަ އެ އަންނަ ތަފާތުން ލިބޭ އެއްޗަކުން ނުވަތަ ބާކީ ކުރެވޭ ވަރަކުން ދަރަނިތައް އަދާކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ނާޝީޒު އިތުރަށް ވިދާޅުވީ ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރު ކުރުމުގެ ސަބަބުން ޓްރާންސިޝަނަލް މަރުހަލާގައި ހެދި ޕްލޭނާ އެއްގޮތަށް ކަންތައްތައް ނުހިނގާ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން މަޝްރޫއުތައް ކުރިއަށް ދާން ޖެހޭ ސްޕީޑުގައި ނުދާ ކަމަށާއި އެހެންކަމުން އެއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު