ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގަތުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒް މަންފާއެއް ހޯދައިދިނުމަށް މަގާމުގެ ހައިސިއްޔަތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށް، ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ، ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ހެލަތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މިހެން ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ބިޑް ކޮމިޓީގެ ބޮޑެތި އިހުމާލުވުންތަކެއް އޮތްކަން އޮޑިޓް ރިޕޯޓުން ފާހަގަ ވުމުގެ އިތުރުން، އޮޑިޓާ ޖެނެރަލްވެސް އެކަން ފާހަގަ ކުރައްވައި ވާހަކަދައްކަވާފައި ވަނިކޮށް މިއަދު ނެރުއްވި ބަޔާނެއްގައެވެ.

ވެންޓިލޭޓާރުތައް ގަތުމުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން މައުލޫމާތު ދެއްވަމުން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވި 149 ވެންޓިލޭޓަރު ބޭރުން ގެންނަން ވަކި ކުންފުނިތަކެއް ހޮވައި ބޮޑު އަގުގައި، މާލިއްޔަތު ގަވާއިދާ ހިލާފަށް ބަޔަކާ ހަވާލުކޮށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައިގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ.

ނަމަވެސް ބިޑް ކޮމެޓީގެ ޗެއާ، ނިޝާމާ މުހައްމަދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވެންޓިލޭޓަރު ގަތުމުގައި ބިޑް ކޮމިޓީގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އަމަލުކޮށްފައި ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ހެޔޮ ނިޔަތުގައި ކަމަށެވެ.

އެކަމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ނިންމުންތައް ނިންމާފައި ވަނީ ބިޑް ކޮމިޓީަށް ލިބިފައިވާ ލިޔުންތަކާއި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަމާބެހޭގޮތުން ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު ތަހުގީގީ އިދާރާތަކާ ހިއްސާ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިޝާމާ ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާގޮތުގެމަތީން ސިންގަލްސޯސް ޕްރޮކިއުމެންޓުގެ އުސޫލުން 75 ވެންޓިލޭޓަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި ހަވާލު ކުރުމަށް ބިޑް ކޮމެޓީން ނިންމާފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.