ޅ. ހިންނަވަރު ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެރަށުން ޕޮޒިޓިވްވީ 78 އަހަރުގެ އަންހެނަކާއި 10 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. މި ދެ މީހުންނަކީ ހޯމް ކަރަންޓީނަށް ރަށަށް ގޮސް ތިބި ދެ މީހުން ކަމަށާއި އަދި ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުން ކަމަށް އެ އެޖެންސީން ބުނެ އެވެ.

ހިންނަވަރުން ކޮވިޑް ކޭސްތަކެއް ފެނިފައިވާ އިރު ހޯމް ކަރަންޓީނުގައި ހުރި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ ބަލިން ރަނގަޅު ވެ، ކަރަންޓީނުން ދޫކޮށްލައިފަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 6225 އަށް އަރާފައިވާއިރު ރަށްރަށުން ކޮވިޑް ކޭސްތައް ފެންނަ އަދަދު އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު މާލެ ފިޔަވައި 20 ރަށެއްގައި ކޮވިޑް ޖެހިފައިވާ މީހުން އެބަ ތިއްބެވެ. އެއީ ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ހދ. ކުރިނބި، ނ. މިލަދޫ، ބ. ކަމަދޫ، ބ. ކުޑަރިކިލު، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، އދ. މާމިގިލި، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށީގެ އިތުރުން ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އެވެ.