ފެސިލިޓީތަކަށް ނުގެންދެވި ކޮވިޑަށް ޕޮޒިޓިވް 359 މީހުން އެބަތިބި ކަމަށާއި އޭގެ ތެރެއިން 85 މީހުން ފެސިލިޓީއަށް ދިއުމަށް ދެކޮޅު ހަދާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް މީހުން ފެސިލިޓީތަކަށް ގެންދިއުމުގައި ލަސްތަކެއް އުޅޭކަން ފާހަގަވަނީ އޭގެ ތެރެއިން ބައެއް މީހުން އެކިއެކި ސަބަބުތަކާ ހުރެ ފެސިލިޓީތަކަށް ދާން ދެކޮޅު ހަދާތީ ކަމަށެވެ.
އެގޮތުން ކޮވިޑަށް ޕޮޒިޓިވް 359 މީހަކު ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށާއި އޭގެ ތެރެއިން 85 މީހުން ފެސިލިޓީތަކަށް ނުގެންދެވި ވަނީ އެމީހުން އެކަމަށް ދެކޮޅު ހަދާތީ ކަމަށް ވިދާޅުވިއެވެ. އަދި އާއިލާގެ އެހެން މެންބަރުންގެ ނަތީޖާ ލިބުމުން ފެސިލިޓީތަކަށް ދާންވެސް ބައެއް މީހުން މަޑުކޮށްގެން ތިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"..ލަސްވާ ލަސްވުމުގެ ވާހަކަ ދައްކާއިރުގައި އެއާއެކު އަޅުގަނޑުމެންނަށް ދިމާވާ އެއް މައްސަލައެއް މިއީ ރެފިއުޒާސް. އަޅުގަނޑުމެން ފެސިލިޓީއަށް ގެންދަން ވެގެން އައީމަވެސް އެކަމަށް އިންކާރުކޮށްގެން ލަސްވާ ލަސްވުންތައް. އެގޮތުން މިސާލެއްގެ ގޮތުން ބަލާނަމަ މިއަދު ހަވީރު 5:00 ހަމައަށް އިއްޔެއިން ސުރެ، ފެސިލިޓީ މޫމަންޓުތަކަށް ބަލާލައިފިނަމަ 185 ފަރާތެއް މި އިންނަނީ މޫވް ކުރަން ޖެހިފައި. އޭގެ ތެރެއިން ޕެންޑިންއަށް ބަލާނަމަ 359 ފަރާތެއް އެބަވޭ މޫވް ކުރަން ޖެހިފައި. މި ނަންބަރުގެ ތެރޭގައި އެބަ ހިމެނޭ 85 ރެފިއުޒާސް، 15 ފަރާތެއް ފެމިލީގެ ނަތީޖާ އައީމަ ނޫނީ ނުދާން އަދި 14 ފަރާތެއް އެބަވޭ ރެސްޕޯންޑް ނުކޮށް. މީގެ އިތުރުން 22 ފަރާތެއް ވޭ އަޅުގަނޑުމެންނަށް ނުގެންދެވިފައި. މާނައަކީ އަޅުގަނޑުމެންގެ ތުރޫ ޕެންޑިންގައި ތިބީ 22 މީހުންނޭ." ޑރ. އަފްޒަލް ވިދާޅުވިއެވެ.
ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ނުގެންދެވި މީގެ ކުރިން 48 ގަޑިއިރަށްވުރެވެސް ގިނައިރުވެފައިވެއެވެ. އޭރު ކޮންމެވެސް ވަރެއްގެ ބެކްލޮގެއް އުޅުނު ކަމަށް އެޗްއީއޯސީންވެސް ބުނެފައިވެއެވެ. ނަމަވެސް އެޗްއީއޯސީއިން ބުނީ، އެ ސެންޓަރުން މަސައްކަތް ކުރަނީ ދުވަހުން ދުވަހަށް ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި އިސްކަންދޭނީ ހައި ރިސްކް ކެޓަގަރީތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19