ވ. ތިނަދޫ ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ތިނަދޫން ޕޮޒިޓިވް ވީ އުމުރުން 36 އަހަރުގެ ފިރިހެނަކާއި އަންހެނެއް ކަމަށެވެ. އެމީހުން ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުން ކަމަށް އެ އެޖެންސީން ބުނެއެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ ޕޮޒިޓިވް ވި ދެ މީހުންނަކީ އެއް ގެއެއްގައި ހޯމް ކަރަންޓީނު ވެގެން ތިބި ދެ މީހުން ކަމަށެވެ.
މިއަހަރުގެ މާޗް މަހުގެ ތެރޭގައި ކޮވިޑަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ތިނަދޫ ލޮކްޑައުންގެ ހާލަތަށް ގެނައެވެ. ނަމަވެސް ޝައްކު ކުރެވުނު މީހާ ފަހުން ކޮވިޑަށް ނެގެޓިވްވުމުން ރަށް ހުޅުވާލި އެވެ. އެހެންކަމުން މިއީ ތިނަދޫން ކޮވިޑް ޕޮޒިޓިވް ކޭސް އެއް ފެނުނު ފުރަތަމަ ފަހަރެވެ.
ރަށްރަށުގައި ކޮވިޑް ކޭސްތައް ފެންނަ ވަރު އިތުރުވަމުން އަންނައިރު މިހާރު ވެސް މާލެ ސަރަހައްދު ފިޔަވައި އެހެން 19 ރަށެއްގައި ކޮވިޑް ޖެހިފައިވާ މީހުން އެބަތިއްބެވެ. ހާއްސަކޮށް ހޯމް ކަރަންޓީން ނިންމާ ފަހުން ބައެއް މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އިއްޔެއާ ހަމައަށް މާލޭގެ އިތުރުން ކޮވިޑް ޖެހިފައިވާ މީހުން މިހާރު ތިބީ ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ހދ. ކުރިނބި، ނ. މިލަދޫ، ބ. ކަމަދޫ، ބ. ކުޑަރިކިލު، ރ. ހުޅުދުއްފާރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، އދ. މާމިގިލި، ފ. ނިލަންދޫ، ވ. ކެޔޮދޫ، ތ. މަޑިފުށި، ތ. ވިލުފުށީގެ އިތުރުން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ފޭދޫ އާއި ހިތަދޫ އެވެ.
އޭގެ އިތުރުން 13 ރިސޯޓަކުން އަށް ޓޫރިސްޓުންނާއި 13 މުވައްޒަފުން ކޮވިޑަށް މިހާރު ޕޮޒިޓިވް ކަމަށް އެޗްޕީއޭ އިން ރޭ ބުންޏެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު