މި މަހުގެ 17 ވަނަ ދުވަހު، ރާއްޖޭގެ މީޑިއާތަކުން ރިޕޯޓުކުރި ލަންކާގައި ހައްޔަރުކުރި ދިވެހި އާއިލާގައި ހިމެނޭ އެ މީހުންގެ ދަރިފުޅުވެސް ހުރީ އެ ދެމަފިރީންނާއެކު ލަންކާގެ ޑިޓެންޝަން ސެންޓަރުގައި ކަމާއި އެކުއްޖާ ސްކޫލަށް ނުފޮނުވާތާ ދެއަހަރެއްހާ ދުވަސް ވެފައިވާ ކަމަށް "ވަން"އަށް އެނގިއްޖެ އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި ދިވެހި އާއިލާއެއް ލަންކާގައި ހައްޔަރުކުރި ހަބަރު މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް، އެއާއިލާ އަސްލު ހައްޔަރުކުރީ މި މަހުގެ 11 ވަނަ ދުވަހު ހެނދުނު 11:30 އެހާއިރު ލަންކާގެ އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރި ސަބަބަކީ ވިސާނެތި ލަންކާގައި އުޅޭތާ އެތައް ދުވަހެއް ވެފައި ވުމެވެ.

މި އާއިލާގައި ހިމެނޭ ކުއްޖާގެ އުމުރަކީ 10 އަހަރެވެ.

ވަން އަށް ކަށަވަރުވެފައިވާ ގޮތުގައި މި މީހުން ލަންކާގައި ވިސާ ނުދައްކައި އުޅޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ލަންކާގެ އިމިގްރޭޝަނުން މިހާރު މަސައްކަތްކުރަމުން އަންނަނީ އެ މީހުން ލަންކާއިން ޑީޕޯޓް ކޮށްލުމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރަކާ ގުޅިގެން، އޭނާ ހޯދުމަށް މިދިޔަ އަހަރުގެ މާޗު މަހުގެ 4 ވަނަ ދުވަހު ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ. އެމީހަކީ، ކ.މާލެ، ވ.އަލްފްރެޝްކޯ، މުހައްމަދު އާޒިމް އެވެ.

ވަން އިން ހޯދި ހޯދުމުން އެނގިފައިވާ ގޮތުގައި، މި ދެމަފިރީންގެ ދަރިފުޅު ސްކޫލަށް ނުފޮނުވާތާ ވެސް ވަނީ ދެއަހަރެއްހާ ދުވަސް ވެފަ އެވެ. މި ދެމަފިރީންނާ އެކު ލަންކާގެ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި އެ ކުއްޖާވެސް މި ވަގުތު ހުރި އިރު، އެ މީހުންގެ ފަރާތުން ލަންކާގެ ލޯޔަރެއްވެސް ހަމަޖައްސައި، އެތަނުން ސަލާމަތްވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި އާއިލާ ހައްޔަރުކޮށްފައި ވަނީ އެމީހުން ކުއްޔަށް ތިބި އެޕާޓްމެންޓުންނެވެ. މި އެޕާޓްމެންޓް ހުންނަނީ ލަންކާގެ ދެހިވެލާގެ ސްޓޭޝަން ރޯޑުގައި ހުންނަ މެރިން ސިޓީގެ އަށްވަނަ ބުރީގަ އެވެ. މެރިން ސިޓީއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެމުން އަންނަ ރަނގަޅު ފެންވަރުގެ އެޕާޓެމެންޓްތައް ހުންނަ ބިލްޑިންގެކެވެ.

"ވަން" އަށް މައުލޫމާތު ދެމުން އެ އެޕާޓްމެންޓުގެ އޯނަރު، ލަކްސްމަން ވީރަސޫރިޔާ މިއަދު ބުނީ ކުލީގެ ގޮތުގައި އޭނާއަށް ލިބެން ޖެހޭ 1.1 މިލިއަން ސްރީލަންކަން ރުޕީސް (7800 ޔޫއެސް ޑޮލަރު) އެބަހުރި ކަމަށެވެ. އެއީ 11 މަހުގެ ކުލި ކަމަށްވެސް އޭނާ ބުންޏެވެ.

ލަކްސްމަން ބުނީ، ކުލި ލަސްވެގެން އެންމެ ފުރަތަމަ ސުވާލު ކުރުމުން އެމީހުން ބުނީ ރާއްޖެއިން ގެންދިޔަ ފައިސާ ފިރިހެން މީހާގެ ބައިޕާސް އޮޕަރޭޝަނެއް ކުރަން ހަރަދުކުރާން ޖެހުމުން ހުސްވީ ކަމަށާއި ވަރަށް އަވަހަށް ހަމަޖައްސައިދޭނެ ކަމަށެވެ. އެ ގޮތުން ކޮންމެ މަހަކުވެސް އެ ފައިސާ މިމަހު ދޭނެ ކަމަށް ބުނަމުން އައި ކަމަށެވެ.

"އެންމެ ފަހުން ބުނީ ފައިސާ ހުރީ ލަންކާގެ ބޭންކަށް އައިސްފައޭ. އެކަމަކު ސެންޓްރަލް ބޭންކުން ދޫނުކޮށްގެން އުޅެނީއޭ. ދެން ބޭންކް ސްޓޭޓްމެންޓާއި ފައިސާ އައިސްފަ ހުރި ބޭންކު ނުވަތަ އެކަން ސާބިތުވާނެ މައުލޫމާތެއް ދޭން ބުނީމަ ނުދޭ. އެންމެ ފަހުން މިދިޔަ މަހު އެމީހުންގެ ފަރާތުން ލަންކާގެ ލޯޔަރަކާ އެކު ބައްދަލުކޮށްފަ ބުނި ޖުލައިގެ ނިޔަލަށް ހުރިހާ ފައިސާއެއް ދޭނަމޭ. އެހެން ކިޔާފަ ލަސް ވެގެން ގުޅީމަ ފޯނެއް ވެސް ނުނަގާ. އެހެން ވެފަ އޮއްވާ އެމީހުން މި ހައްޔަރުކުރީ. އަހަރެންނަށް އެމީހުންނާ މެދު ހަމްދަރުދީ ވެވުނީ އެހާބޮޑު ސިއްހީ މައްސަލައެއް ދިމާވުމާ އަދި ކުޑަކުޑަ ކުއްޖަކުވެސް ހުރީމަ." އެޕާޓްމެންޓުގެ އޯނަރު "ވަން" އަށް ބުންޏެވެ.

ލަކްސްމަން ބުނީ އެ މީހުން ރާއްޖެއަށް ފޮނުވައިލާން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެން ވެއްޖެ ނަމަ އެއީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު މާލީ ގެއްލުމެއް ކަމަށެވެ. މި މައްސަލަ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނާއި ލަންކާ ފުލުހުންނަށް ވެސް ހުށަހަޅާފައި ވާނެ ކަމަށް ލަކްސްމަން ބުންޏެވެ.

ވަން އަށް އިތުރަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ދެމަފިރީން މީގެ ކުރީން ލަންކާގައި ކުއްޔަށް ތިބި ބައެއް ތަންތަނަށްވެސް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައި އެބަހުއްޓެވެ. އެ ގޮތުން އެމީހުންގެ ޕާސްޕޯޓުވެސް ވަނީ ގެސްޓްހައުސް އަކަށް ކުލި ނުދެއްކުމުގެ ސަބަބުން އެ ގެސްޓްހައުސް އިން ހިފަހައްޓާފައި ކަމަށް މައުލޫމާތު ލިބެއެވެ.

ހައްޔަރު ކުރި އާއިލާގެ ކަންކަން ގާތުން އެނގޭ އަދި ލަންކާގައި ދިރިއުޅޭ މީހަކު "ވަން" އަށް ބުނީ، ދިވެހި ފުލުހުން ހޯދަމުން އަންނަ އާޒިމް ދާދި ފަހުން ލަންކާ ހޮސްޕިޓަލުގައި އެޑްމިޓްކުރި ކަމަށާއި މަހެއްހާ ދުވަހު އެ ހޮސްޕިޓަލުގައި އޮތް ކަމަށެވެ. އަދި އޭނާގެ ބޭސްފަރުވާގެ ކަންކަން ކުރިޔަށް ގެންދިޔައީ އާސަންދައިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

މި އާއިލާގައި ހިމެނޭ 10 އަހަރުގެ ކުޑަކުއްޖާ ޑިޓެންޝަން ސެންޓަރުގައި ހުރި އިރު އެ ތަނަކީ ކުޑަކުދީން ތިބޭން އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ވަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި އާއިލާގައި ހިމެނޭ 10 އަހަރުގެ ކުއްޖާގެ ވަނަވަރުވެސް ވަން އަށް ވަނީ ލިބިފަ އެވެ. އެހެން ނަމަވެސް އެމައުލޫމާތުތައް މި ލިޔުމުގައި ހިމަނައިފައި ނުވަނީ އެ ކުއްޖާގެ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުންނެވެ.