ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ޑްރެގާ ބްރޭންޑުގެ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ އެއަށްވުރެ ހެޔޮ އަގެއްގައި އެ އެއްޗެހި ގެނެސްދޭނެ ކަމަށް ބުނެފައިވަނިކޮށް ކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން މިއަދު ބުނެފިއެވެ.
ދުބާއީގެ ކުންފުންޏަކަށް 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރުމުގައި މަކަރާއި ހީލަތް ހިމެނޭކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އެގޮތުން ދުބާއީ ކުންފުންޏާ ހަވާލުކުރީ ވެންޓިލޭޓަރެއް 32،500 ޑޮލަރުގެ ރޭޓުން ގެންނާށެވެ. އެއީ 34 މިލިއަން ރުފިޔާއަށެވެ. އަދި އެކަމަށްވާ ފައިސާގެ 90 ޕަސެންޓް ވަނީ ސަރުކާރުން ދައްކައިފައެވެ. އެއީ 30.9 މިލިއަން ރުފިޔާއެވެ.
އެއް މަސް ދުވަހުގެ ތެރޭގައި ދުބާއީ ކުންފުންޏާ ގެންނަން ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 11 ވެންޓިލޭޓަރެވެ. އެއީ ވެސް ގެންނަން ހަވާލުކުރި ފެންވަރަށްވުރެ ދަށް ފެންވަރު ތަކެތިކަން އޮޑިޓް ރިޕޯޓުގައިވެއެވެ.
އޭޑީކޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑުގެ ބަލިމަޑުކަމާ ކުރިމަތިލުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވައިލި އެގްޒެކެޓިވް ސްޓިއަރިން ކޮމެޓީގެ މެންބަރަކު ނުރަސްމީކޮށް މާޗް 15ގައި އޭޑީކޭގެ އިސްވެރިއެއްގެ އަރިހުން ޑްރެގާ ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ އަގު އޮޅުން ފިލުވާފައިވާ ކަމަށެވެ. ނަމަވެސް އެފަރާތުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ދުނިޔޭގެ ލީޑިން އަދި އެ ވަގުތު ވަރަށް ޑިމާންޑު ބޮޑު ބްރޭންޑަކަށްވުމުން އެ ސަޕްލައިކުރުމުގައި "ޕްރޮޑަކްޝަން ބޮޓްލްނެކް" ތަކެއް ހުރިކަން ޑްރެގާގެ މައި ކުންފުނިން އެ ކުންފުންޏަށް އަންގާފައިވާތީވެ، އަވަސް މުއްދަތެއްގެ ތެރޭގައި ސަޕްލައިކޮށް ދެވޭނެތޯ ބުނަން އެނގޭނީ ޑްރެގާގެ މައި ކުންފުނިން ސްޕެސިފިކޭޝަން ވެރިފައި ކުރުމަށް ފަހުގައި ކަމަށް ބުނެފައިވާނެ ކަމަށްވެސް އޭޑީކޭއިން ބުންޏެވެ.
"ޔޫރަޕިއަން ސްޓޭންޑަޑްތަކަށް ފެތޭ، ކޮވިޑްގެ ހާލަތަށް އެކަށޭނަ ސީއީ-ސެޓިފިކޭޝަންގެ ދެ ބްރޭންޑެއްގެ ވެންޓިލޭޓަރު 5,500 ޑޮލަރާއި 6,200 ޑޮލަރާ ދެމެދުގެ އަގެއްގައި، ހަތަރު ހަފުތާ ތެރޭގައި ސަޕްލައިކޮށްދެވިދާނެ ކަމުގައި ދަންނަވައި، އެފަރާތުން ބޭނުންވި މައުލޫމާތު ސާފުކޮށްދިނިން. ނަމަވެސް އޭގެ ފަހުން މިކަމާ ގުޅިގެން ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ވެސް އިތުރު އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ސާފުކޮށްފައެއް ނުވޭ،" އޭޑީކޭއިން ބުންޏެވެ.
ޑްރެގާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު އޭޑީކޭއިން ބުނީ ޑިސްޓްރިބިއުޓަރު ބައިޕާސްކުރުމަށްފަހު މިފަދަ ލައިފްސޭވިން ތަކެތި ތިންވަނަ ފަރާތެއްގެ އަތުން ހޯދުމަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ހިލާފު ކަމެއް ކަމަށެވެ.
"މި ކުންފުންޏާ ކުރިން ކުރި މުއާމަލާތްތަކުގައި ޑްރެގާ އޮކްސިލޮގް ވެންޓިލޭޓަރެއް 15,000 ޑޮލަރަށް އަދި ހައި އެންޑް އައިސީޔޫ އެންޑް އެންބިއުލޭޓަރީ ވެންޓިލޭޓަރެއް 20,500 ލިބިދާނެކަމަށް އަގު ދީފައިވާނެ،" އޭޑީކޭއިން ބުންޏެވެ.
އޭޑީކޭއިން ބުނީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ދެ ހޮސްޕިޓަލަށާއި ސަރުކާރު ހޮސްޕިޓަލްތަކަށްވެސް ގިނަ އަދަދެއްގެ ޑްރެގާ ވެންޓިލޭޓަރާއި އެނެސްތީޝިއާ މެޝިން މީގެ ކުރިންވެސް ސަޕްލައިކޮށް ދީފައިވާނެ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ބޭނުންވާ ޕީސީއާރު މެޝިނާއި ޕީޕީއީ މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
ކޮވިޑްގެ ބަލީގެ ނުރައްކާ އިންތިހާއަށް ފެތުރިފައިވާ މި ނާޒުކު ދަނޑިވަޅުގައި، ވެންޓިލޭޓަރާއި ޕީޕީއީ ގަތުމަށްކަމަށް ބުނެ ހެލްތު މިނިސްޓްރީން މުއާމަލާތްތައް ހިންގާފައިވާ ގޮތުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް ހައްގުވާ ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ ސިއްހީ ވަސީލަތްތަކުން މަހުރޫމުކޮށްފައިވާ ކަމަށެވެ. އަދި ބަޔަކު މީގެ ނާޖާއިޒު މަންފާ ނަގާފައިވާ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭތީ، ދައުލަތުގެ އިދާރާތަކުން މިކަން ރައްޔިތުންގެ ހައްގުގައި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭޑީކޭއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު