ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 59 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މައްސަލައިގައި 59 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުންގެ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނަށް ހުށަހަޅާފައިވަނީ އިއްޔެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށްވީ އިރު، މިފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.