މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ވެއްދިޔަސް އިތުބާރު ނެތް ކަމަށް ވޯޓު ނުދެއްވާނެ ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓްނަރު ކަމަށްވާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

"ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ އިނޮކޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރާން ޖެހޭ ފަދަ ކަމެއް ކުރައްވާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެހެން ކަމުން އެކަމަށް ނެގޭ ވޯޓެއްގައި އެއްކޮޅަށް ވޯޓު ނުދެއްވާނެ ކަމަށެވެ.

"މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. އެފަދަ ކަމެެއް ނޭނގެ. އެހެން ވީމަ ފައްޔާޒްގެ އިތުބާރު ނެތް ކަމަށް އަޅުގަނޑުގެ ވޯޓެއް ނުދޭނަން." ގާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރީން ކުރެއްވި، ގާސިމް އިބްރާހީމް މިހެން ވިދާޅުވި އިރު، ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްވެ ހުންނަވައި، މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުގައި ނެގުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެ ކަމަށް ބޭނުންވާ ސޮއި ހޯއްދެވުމުގައި ވެސް އިސްވެ މަޖިލިސް ރައީސް އުޅުއްވާ އިރު، އަދި މިހާތަނަށް އެ ކަމުގެ ލިޔުމުގައި ސޮއިކުރެއްވީ 21 މެންބަރުން ކަމަށް އެމްޑީޕީގެ އިސް މެންބަރަކު ވަނީ ވަން އަށް ވިދާޅުވެފަ އެވެ. ސޮއި ކުރުމަށް ފަހު ބައެއް މެންބަރުން އެމެންބަރުންގެ ނަން އަނބުރާ ގެންދަވައިފައިވާ ކަމަށް ވެސް ވަން އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ފައްޔާޒްގެ މަގާމު ދިފާއު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ވައްދަން އުޅޭ މައްސަލައިގައި އެ ޕާޓީގެ މަޖިލިސް މެންބަރުންގެ މެދުގައި ވެސް ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފައެވެ.