ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ދިނުމަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމާފައިވާ ނިންމުމުގައި، އެއްވެސް މަރުހަލާއެއްގައި ބައިވެރިވެވަޑައިގެންފައި ނޯންނާނެ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ޝާހު މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީގެ ފަރާތުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އޮޑިޓަ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓާ ގުޅިގެން ކުރިއަށްދާ ތަހުގީގު ނިމެންދެން އޭނާ ގޭގައި މަޑުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެ.
ޝާހު އަކީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޑެޕިއުޓީ ޗެއާއެވެ. އަދި ބިޑް ކޮމިޓީގެ ޗެއާ އަކީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދެވެ.
"ހަވާލާދެވިފައިވާ ވެންޓިލޭޓަރުތަކާ ގުޅިގެން ހިނގަމުންދާ ތަހުގީގު ނިމެންދެން އަޅުގަނޑު ގޭގާއި މަޑުކުރުމަށް ރައީސް އަންގަވާފައިވީ ނަމަވެސް، ޑުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ދިނުމަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ނިންމާފައިވާ ނިންމުމުގައި އެއްވެސް މަރުހަލާއެއްގައި، އެއްވެސް މިންވަރަކަށް އަޅުގަނޑުގެ ބައިވެރިވުން ބިޑު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އަދި އެނޫންވެސް ގޮތަކުން ހިމެނިފައި ނުވާނެ،" ޝާހް ވިދާޅުވިއެވެ.
ޝާހް ވިދާޅުވީ ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ދިނުމަށް ނިންމި ބިޑު ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާއިންނާއި ލިޔެކިއުންތަކުން މިކަން ސާފުކޮށް އެނގެން ހުންނާނެ ކަމަށެވެ. އަދި ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ދިނުމަށް ނިންމާފައިވާކަން އޭނާއަށް މައުލޫމާތު ލިބުނު ހިސާބުން ފެށިގެން، އެކަން ނިންމާފައިވާ ގޮތާ މެދު ސުވާލު އުފައްދައި، ކަމާ ގުޅުންހުރި އިސް ފަރާތްތަކާ ކަންބޮޑުވުން ހިއްސާކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދުބާއި ކުންފުނިން 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީއަށް ލިބުމުން، މިނިސްޓްރީގެ ބަޔޯ މެޑިކަލް ޓީމުން އެ ވެންޓިލޭޓަރުތައް ކަމުނުދާ ކަމަށާއި، އެއްބަސްވުމުގައި ބުނެފައިވާ ގޮތާ ހިލާފަށް ފޮނުވާފައިވާ ވެންޓިލޭޓަރުތަކެއް ކަމަށް ބުނެ، އަޅުގަނޑަށް އެތަކެތި ދައްކާ މައުލޫމާތު ދިނުމުން، އެ ވެންޓިލޭޓަރުތައް ބެލުމަށްފަހު ވެންޓިލޭޓަރުތައް އެއްވެސް ގޮތަކަށް ބަލައިގަނެވިގެންނުވާނެކަމާއި، ޝަރުތު ހަމަނުވާކަމާއި، މިކަމުގެ ކަންބޮޑުވުން ހެލްތު މިނިސްޓަރާ ވެސް އަޅުގަނޑު ހިއްސާކޮށްފައިވާނެ،" ޝާހް ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ހެލްތު މިނިސްޓަރުގެ އިތުރުން ސަރުކާރުގެ އިސްފަރާތްތަކަށް ވެސް އެކަމާ ގުޅިގެން މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ނާޑު ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކްއަށް ވެންޓިލޭޓަރު ގެނައުމަށް ބިޑް ކޮމިޓީން ނިންމި ނިންމުންތަކުގައި ބިޑު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާނެ ކަމަށެވެ. އަދި އެ ކުންފުނިތަކަށް ވެންޓިލޭޓަރު ގެނައުމަށް ދިނުމަށް ބިޑް ކޮމިޓީން ނިންމި ނިންމުންތައް ނިންމުމުގައި އޭނާގެ ލަފަޔާއި މަޝްވަރާ ދީފައިވާނީ ކޮމިޓީއަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ހަމަތަކާއި އުސޫލުތަކުގެ މަތިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއިން އެއްވެސް ނިންމުމެއް ނިންމުމުގައި އެއްވެސް ނަހަމަ ނުފޫޒެއް ނުވަތަ މަންފާއެއް އެއްވެސް ފަރާތަކަށް ލިބިދިނުމަށް އަޅުގަނޑުގެ ފަރާތުން އެއްވެސް އަމަލެއް ނުވަތަ ނިންމުމެއް މިކަމުގައި ހިމެނިފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް މިފުރުސަތުގައި އެންމެހައި ފަރާތްތަކަށް އަރުވަން،" ޝާހް ވިދާޅުވިއެވެ.
ޝާހް އިތުރަށް ވިދާޅުވީ ވެންޓިލޭޓަރުތަކާ ގުޅިގެން ހިނގަމުންދާ ތަހުގީގު ނިމެންދެން އޭނާ ގޭގާއި މަޑުކުރުމަށް ރައީސް ނިންމެވި ނިންމެވުމާ މެދު ނިހާޔަތަށް ހިތާމަކުރާ ކަމަށެވެ. އަދި ހިނގަމުންދާ ތަހުގީގަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންވެސް ވަނީ އަރުވައިފައެވެ.
އޮޑިޓް އޮފީހުން އިއްޔެ އާންމު ކުރި ހެލްތު މިނިސްޓްރީގެ ރިޕޯޓާ ގުޅިގެން އެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އޭސީސީއަށާއި ފުލުހުންނަށް އަންގަވައިފައެވެ.
އެ މައްސަލަތައް ބަލައި ނިމެންދެން ހެލްތު މިނިސްޓަރު އަބުދުﷲ އަމީން މިއަދު ވަނީ އަމިއްލަފުޅަށް ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވެވަޑައިގަންނަވަން ނިންމަވައިފައެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަދި އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ރައީސް މިއަދު ވަނީ ސަސްޕެންޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު