ކޮވިޑް 19އާ ގުޅިގެން އެކިއެކި އިދާރާތަކުން ކޮށްފައިވާ ހަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓުތަކުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އެ ޕާޓީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް 19 އާ ގުޅިގެން އެކިއެކި އިދާރާތަކުން ކޮށްފައިވާ ހަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓުތަކުން ފެންމަތިވެފައިވާ މައްސަލަތަކަކީ އެ ޕާޓީން ކަންބޮޑުވާ މައްސަލަތަކެއް ކަމަށާއި އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ފަދައިން ތަހުގީގީ އިދާރަތަކުން އެކަންކަން އަވަހަށް ބަލައި، އެއްވެސް ތަފާތުކުރުމެއްނެތި އެކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓްގެ މައްސަލަ ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް އަންގަވައިފައެވެ.

އޮޑިޓް އޮފީހުން އިއްޔެ އާންމު ކުރި ހެލްތު މިނިސްޓްރީގެ ރިޕޯޓުގައިވަނީ ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާއި މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހުނު އިރު، އެކަން ކޮށްފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި އިއްޔެ އާއްމުކުރި އޮޑިޓު ރިޕޯޓުގައި ވަނީ، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަންނީ އަދި މާލީ ގާބިލުކަން ވަޒަންނުކޮށް، އެ ފަރާތަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ ފަރާތަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް ހެލްތު މިނިސްޓްރީން ލިޔެކިއުންތަކުގައާއި އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް، މިނިސްޓްރީގެ ބިޑް ކޮމިޓީއަށް އޭޕްރީލް އެކެއްގައި ފޮނުވި މެމޯގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހޮވާފައިވަނީ ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްގެ މަޝްވަރާގެ މަތިން ކަމަށާއި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ގޮތުގައި، އެ ކުންފުނިން ސަޕްލައި ކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރުތަކުގެ ލިސްޓެއް އެ އިދާރާއިން އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ ހަވާލުކުރުމާ މެދު ގޮތެއް ނިންމުމަށް ހެލްތުގެ ބިޑް ކޮމިޓީގެ 2020 ވަނަ އަހަރުގެ 33 ވަނަ ޖަލްސާގެ ޔައުމިއްޔާގައި، އެގްޒެކިއުޓާސް ހޮވާފައިވަނީ ޑަބްލިއުއެޗްއޯ އިން ދީފައި ހުރި ކުންފުނިތަކުގެ ތެރެއިން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ %90 ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހޯދާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ބުނީ މައުލޫމާތު ހުށަހަޅާފައިވާ ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ބިޑް ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން، ހެލްތު މިނިސްޓްރީގެ ބަޔޯމެޑިކަލް އިންޖިނިއަރު ފާހަގަކޮށްފައިވާ ކަންކަމަށް އެ ކޮމެޓީން ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ. އަދި ބިޑް ކޮމިޓީން ގަތުމަށް ނިންމި ވެންޓިލޭޓަރުގެ ބްރޭންޑާއި އެއްބަސްވުމުގައި ހިމަނާފައިވާ ބްރޭންޑް ތަފާތުވުމާއި ވެންޓިލޭޓަރުތަކުގެ ތެރެއިން ބައެއް ފޯރުކޮށްދީފައިވާއިރު އެ ވެންޓިލޭޓަރުތައް ބަލައިނުގަތުމަށް ފަންނީ ޓީމަކުން ލަފާދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައި ކުރުމާ ބެހޭގޮތުން އެގްޒެކިއުޓާސް އާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ %75 ދައްކާތާ 29 ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނިންމަން ޖެހެއެވެ. އެގޮތުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އޭޕްރީލް ދޭއްގައި އެޑްވާންސް ޕޭމަންޓް ދައްކާފައިވީ ނަމަވެސް އޮގަސްޓް ހަވަނަ ދުވަހާ ހަމައަށްވެސް ވެންޓިލޭޓަރުތައް ހަމައަށް ފޯރުކޮށްދީފައި ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި އިތުރަށް ވަނީ އެގްޒެކިއުޓާސްއާއެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރު ކަމަށާއި އެ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސްއާއެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާއަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީން ދިވެހި ބައެއް ކުންފުނިތަކާއެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއް ކަމަށެވެ.

ޕީޕީއީ ހޯދުމަށް ޖުމްލަ 32.9 މިލިއަން ރުފިޔާ، ހެލްތު މިނިސްޓްރީން އެސްޓީއޯއަށް އެޑްވާންސްކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ތަކެތި މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓްގެ މައްސަލައިގައި އެ މިނިސްޓްރީގެ ބިޑް ކޮމެޓީ އާއި ފައިނޭންޝަލް އެގްޒެކެޓިވް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން މިއަދު ވަނީ ސަސްޕެންޑުކޮށްފައެވެ. އަދި އޮޑިޓު ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ވަކި އެއްޗެއް އަންގަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އަމިއްލައަށް މިނިސްޓަރު އަބުދުﷲ އަމީން ވަނީ އެކަހެރިވެވަޑައިގަންނަވަން ނިންމަވައި އެކަން ރައީސް ސޯލިހަށް އަންގަވައިފައެވެ.

ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓްގައިވާ ކޮޕަރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އަންގަވާފައިވާ އިރު، ޓޫރިޒަމް މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓްގެ މައްސަލަ ބެލުމަށްވެސް ރައީސް ސޯލިހު ވަނީ އޭސީސީއަށް އަންގަވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑާ ގުޅިގެން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމެއް ރާއްޖެ ގެނައުމަށް ޓޫރިޒަމް ޓްރަންސްޓު ފަންޑުން ހަ މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށެވެ.

މެޑިކަލް ޓީމަށް ހަރަދުކޮށްފައިވަނީ ވެސް އެކަމަށް ހަރަދުވާނެ ކަމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއަށްވުރެ އިތުރަށް ކަމަށެވެ. އެގޮތުން އެ ޓީމާ ގުޅޭ ކަންކަމަށް ޖުމްލަ 8.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ލިޔެކިޔުންތަކުން ދައްކާއިރު އެ އަދަދަކީ ލަފާކުރި ހަ މިލިއަން ރުފިޔާއަށްވުރެ 2.8 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮވިޑާ ގުޅިގެން މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫން ކަމަށާއި އެގޮތުން ކޮވިޑާ ގުޅިގެން ޖުމުލަ 26.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، އޭގެ 99 ޕަސެންޓަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ނޫން ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު "ވަން" އަށް ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.