މިދިޔަ 24 ގަޑިއިރު ތެރޭ ޕޮޒިޓިވްވި މީހުންގެ ތެރޭގައި އޮސްޓްރޭލިއާގެ ފަތުރުވެރިއެއް ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ 124 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5،909 އަށް އަރައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެއްސަކާއި ބަންގުލަދޭޝްގެ 16 މީހަކާއި އިންޑިއާގެ ތިން މީހަކާއި ނޭޕާލުގެ ދެ މީހަކާއި ފިލިޕީންސްގެ މީހަކާއި ޔޫކްރޭނުގެ މީހަކާއި އޮސްޓްރޭލިއާގެ މީހެއް ކަމަށެވެ.

އެޗްޕީއޭގެ އޮފިސަލަކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާގެ މީހާއަކީ ފަތުރުވެރިއެއް ކަމަށެވެ. މިއާއެކު ބޯޑަރު ހުޅުވާލި ފަހުން ކޮވިޑް ޖެހުނު ފަތުރުވެރިންގެ އަދަދު ވަނީ ހަތަކަށް އަރައިފައެވެ. މިވަގުތު 12 ރިސޯޓެއްގައި އެކްޓިވް ކޭސްތައް އެބަ އުޅެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 23 މީހަކު ވަނީ މަރުވެފައެވެ. އެއީ 18 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.