ވެންޓިލޭޓަރު ހޯދުމުގެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް ނިންމައިފައެއް ނުވާނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މައްސަލައާ ގުޅޭގޮތުން ތަހުގީގު ކުރަމުން އަންނަ މައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ނެތް ކަމަށް އޭސީސީން ނިންމާފައިވާކަން ދޭހަވާގޮތަށް މީޑިއާތަކުންނާއި މީސްމީޑިއާގައި ވާހަކަ ދެކެވެމުންދާ ކަމަށެވެ.

ވެންޓިލޭޓަރު ހޯދުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކީ އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށްވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ވެންޓިލޭޓަރު ހޯދުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭ މައްސަލައިގައި ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން، މި މައްސަލައިގައި ކޮމިޝަނަށް އެހަތާނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަހުގީގަށް އަސަރުކޮށްފާނެ ފަދަ މައުލޫމާތު ނުހިމަނައި، މައްސަލައިގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ހުލާސާ ރިޕޯޓެއް އެކުލަވާލައި މެއި 21 ގައި ރިޕޯޓު އާންމުކޮށްފައިވާ ކަމަށެވެ.

"އޭރު އެ މައްސަލައިގައި ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާނެ. އެ ރިޕޯޓަކީ މައްސަލައިގެ ތަހުގީގު ރިޕޯޓެއް ނޫންކަން ބަޔާންކޮށް، ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުގައިވެސް މައްސަލަ އިތުރަށް ތަހުގީގު ކުރިއަށްދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެ. މައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ،" ބަޔާނުގައިވެއެވެ.

އޭސީސީން ބުނީ އެ ރިޕޯޓު އާންމުކުރުމުގެ މައިގަނޑު އެއް މަގުސދަކީ މި މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވެފައި އެ މައްސަލަ ކުރިއަށްނުދާ ކަމަށް ދޭހަވާގޮތަށް ވާހަކަދެކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގުގެ މަސައްކަތް އެހާތަނަށް ގޮސްފައިވާ ހިސާބު އަންގައިދީ، ރައްޔިތުންނަށް ޖަވާބުދާރީވުމަށް ކަމަށެވެ.

"މި މައްސަލައިގައި ކޮރަޕްޝަނުގެ ޢަމަލެއް ހިނގާފައިނެތްކަމަށް މިކޮމިޝަނުން ނިންމާފައިވާކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް،" އޭސީސީން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގުގެ މަސައްކަތް މިހާރު އޮތީ ފުރިހަމަ ކުރުމުގެ މަރުހަލާގައި ކަމަށާއި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް މި މައްސަލައިގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރު ޖެނެރަލްއާއެކު މި ހަފުތާ ތެރޭގައި މަޝްވަރާކުރަން ފަށާނެ ކަމަށްވެސް އޭސީސީން ބުންޏެވެ.

އޮޑިޓް އޮފީހުން އިއްޔެ އާންމު ކުރި ހެލްތު މިނިސްޓްރީގެ ރިޕޯޓާ ގުޅިގެން އެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އޭސީސީއަށާއި ފުލުހަށް އަންގަވައިފައެވެ.

އެމަ އްސަލަތައް ބަލައި ނިމެންދެން ހެލްތު މިނިސްޓަރު އަބުދުﷲ އަމީން މިއަދު ވަނީ އަމިއްލަފުޅަށް ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވެވަޑައިގަންނަވަން ނިންމަވައިފައެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަދި އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ރައީސް މިއަދު ސަސްޕެންޑުކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ހިމެނިވަޑައިގަންނަވައެވެ. ނިޝާމާއަކީ ކޮމިޓީގެ ޗެއާއެވެ. އަދި ޝާހުއަކީ އެ ކޮމިޓީގެ ޑެޕިއުޓީ ޗެއާއެވެ.