މަނީލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުނުކުރެވިގެން އުޅެނީ ވަކީލުން ބޭނުން ނުވެގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން އެހެން ވިދާޅުވީ ރައީސް ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އެއްވެސް ކޯޓަކުން އަމުރެއް ނެރެފައި ނުވާ ކަމަށް އެ ސާވިސް އިން ހާމަކޮށް ބަޔާނެއް ނެރެފައި ވަނިކޮށެވެ.
މިނިސްޓަރު އިމްރާން ވެސް ވިދާޅުވީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުވުން ހަމަޖައްސަން ރާއްޖޭގެ އެއްވެސް ކޯޓަކުން އޭނާގެ މައްޗަށް އަމުރުކޮށްފައި ނުވާ ކަމަށެވެ.
"ބައްދަލުވުން ހަމަޖައްސަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްނެގުމަށް ލައްކަ މަސައްކަތް ކުރެވިއްޖެ. ބައްދަލުވުން ނުބޭއްވިގެން އުޅެނީ އެކަންކުރައްވަން ވަކީލުން ބޭނުންފުޅު ނުވާތީ،" މިނިސްޓަރު އިމްރާންގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
އިއްޔެގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވަނީ ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި މައްސަލައާބެހޭ ލިޔުންތައް ވެސް ނުލިބޭކަން ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
އެގޮތުން އެމަނިކުފާނާ ވަކީލުން ބައްދަލު ނުވާތާ ދޮޅުމަސް ވެފައިވާ ކަމަށާއި ދައުވާއާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ލިބިވަޑައިގެންފައިނުވާތީ، ދައުވާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެއްނެތި ވަކި އެއްޗެއް ވިދާޅުވާން ދަތިފުޅު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ މިދިޔަ ޖޫން މަހުގެ 28 އާއި މި މަހުގެ 15 ވަނަ ދުވަހާ ދެމެދު ރައީސް ޔާމީންގެ ވަކީލުން އެމަނިކުފާނާ ބައްދަލު ކުރައްވަން އެދިވަޑައިގެންފައި ވަނީ އެންމެ ފަހަރަކު ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށެވެ. އެއީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ. އެ ކަމާބެހޭ ލިޔުންތައް ރައީސް ޔާމީންގެ ވަކީލުންނާ ހަވާލު ކޮށްފައިވާ ކަމަށާއި އޭގެ އިތުރުން އިތުރުން އިތުރު ލިޔުންތަކެއް ހިމެނޭތީ އެތަކެތި ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ދައުލަތުން ބުނާ އިތުރު ލިޔުންތައް ލިބިގެން ނޫނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލު ނުކުރެވެނީސް އަޑުއެހުން ކުރިއަށް ގެންދަން ދެކޮޅު ހައްދަވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
އެހެންކަމުން ގާޒީ އަހުމަދު ޝަކީލު ވަނީ ރައީސް ޔާމީންގެ ވަކީލުންނާއި އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ކަރެކްޝަންސްގެ މައްޗަށް އަމުރެއް ނެރުއްވާނެ ކަމަށް އިއްޔެ ވިދާޅުވެފަ އެވެ.
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ