ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެންނަން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ފެސިލިޓީތައް ހަމަޖެއްސުމަށް ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގައި ބޮޑެތި އޮޅުވާލުންތަކާއި ބޭކާރު ހަރަދުތައް ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ހާމަކޮށްފައިވާ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އެމްޑީޕީ ފެއިލް ވެއްޖެ ކަމަށް ވިދާޅުވެ މުޅި ސަރުކާރު އިސްތިއުފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފި އެވެ.

ކޮވިޑް 19ގެ ކަންކަމުގައި ރައްޔިތުންނަށް ދޮގު މައުލޫމާތު ދީ އޮޅުވާލައިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން މާލިއްޔަތުގެ ގާނޫނާއި ގަވައިދާ ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން، ޖާބިރު ވިދާޅުވީ، އެފަދަ ވައްކަން ތަކަކީ، ރާއްޖޭގައި އަލަށް ކުރާ ކަމެއްނޫން ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ހިތައް ތަދުވީ، އެކަން ނުުރާނެކަމަށްބުނެ އައި ބަޔަކު އެފަދަ ކަމެއް ކުރުމުން ކަމަށްވެސް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އެމައްސަލަގައި އެމްޑީޕީން ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. އަދި ރައްޔިތުން ވެރިކަން ހަވާލުކުރީ ކޯލީޝަން ސަރުކާރަކަށްނޫން ކަމަށާއި، އެހެންކަމުން އެ ހުރިހާކަމެއްގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން ކަމަށްވެސް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ކޮވިޑް 19 ގެ މި ދަތި ހާލަތުގައި، ރައްޔިތުން ނިކަމެތިވެފައި ތިއްބާ އެފަދަ ބޮޑު ވައްކަމެއް ކުރުމުން، ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.

އެހެންކަމުން ވަކި ވަޒީރެއް ނުހިމެނޭގޮތަށް ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އެއްކޮށް އިސްތިއުފާ ދެއްވުމަށް ޖާބިރު ގޮވައިލެއްްވިއެވެ.

ޖާބިރުވަނީ ސަރުކާރު ނިމުމަކަށް ގެނައުމުގެ މަސައްކަތް ގާނޫނީ އިމުގެ ތެރެއިން މަޖިލީހން ކުރިއަށް ގެންދިއުމަށްވެސް ގޮވާލައްވައިފައެވެ.