ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުން ޒީނާ ޒާހިރު ވަކިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އަންގަވައިފިއެވެ.
މަޖިިސް ރައީސް އެކަން ކުރިއަށް ގެންދިއުމަށް ކޮމިޓީއަށް އެންގެވީ ބްރޯޑްކޮމް އިން ޒީނާ ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށް ކޮމިޓީން ފާސްކޮށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެކަން މަޖިލީހުގެ ރައީސަށް ހުށަހެޅުމުންނެވެ.
އެފަދަ މަގާމަކުން މީހަކު ވަކިކުރަން މަޖިލީހުގެ އިޖުރާއަތްތައް ހަމަޖެހިފައި އޮންނަނީ އެފަދަ މަގާމެއްގައި ހުންނަ މީހަކު ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމިޓީން ފާސްކޮށް އެކަން މަޖިލީހުގެ ރައީސަށް ހުށަހެޅުމުން މަޖިލިސް ރައީސް މަޖިލީހުގެ ޖަލްސާގައި އެމީހެއްގެ ނަން އިއުލާންކޮށް އޭނާ މަގާމުން ވަކި ކުރުމުގެ މަސައްއްކަތް ކުރިއަށް ގެންދިއުމަށް ކޮމިޓީއަށް އެންގުމަށެވެ. އޭގެ ފަހުގައި ކޮމިޓީން ކުރިއަށް ގެންދަން ޖެހޭ ކަންކަން ނިންމައި އެމީހަކު މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މަޖިލިސް ތަޅުމުގައި އެ މީހެއްގެ ނަމަށް ވޯޓަށް އަހާ ގޮތަށެވެ.
މީގެކުރިން ބްރޯޑްކޮމްގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ފާތުމަތު ޒައިނާވެސް މަޖިލީހުން ވޯޓު ނަގައިގެން މެންބަރުކަމުން ވަނީ ވަކި ކޮށްފައެވެ.
އޭގެކުރިން ހުންނެވި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މެންބަރު ހަސަން ނަބާހް ކޮމިޝަނުން ވަކިކުރަންވެސް ކޮމިޓީން ނިންމިއެވެ.
ނަމަވެސް އެ ބޭފުޅުންގެ މައްޗަށް މަޖިލިސް ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން އެބޭފުޅުން ވަނީ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ކޮމިޝަންގެ މެންބަރުން ވަކިކުރުގެ މައްސަލައިގައި ކޮމިޓީން ބުނެފައިވަނީ ކޮމިޝަންގެ މެންބަރުންކަމުގައި ތިއްބަވައިގެން އެންމެ ރަނގަޅަށް އެބޭފުޅުންގެ ގާނޫނީ ވާޖިބު އަދާކޮށްފައި ނުވާ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން