މިހާރު އުވާލާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓުގައި އެ ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ހިސާބުތައް ލިބެން ނެތް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފިއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ބްރޯޑްކޮމްއަށް ނުލިބި ހުރި ފައިސާގެ ގޮތުގައި 30,578,453 (30.5 މިލިއަން) ރުފިޔާ ހިމެނިފައިވެއެވެ. ނަމަވެސް ކޮމިޝަނުގެ 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް ހިމަނައިގެން ތައްޔާރުކުރަންޖެހޭ އަހަރީ ރިޕޯޓް ތައްޔާރުކޮށްފައި ނުވުމާއި ސާވާއަށް މައްސަލައެއް ދިމާވެ ސާވާގައި ހުރި ލިޔެކިޔުންތައް ނެގޭނެ ގޮތެއް ނެތުމުން 2024 ވަނަ އަހަރުގެ ނިޔަލަށް ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ހިސާބެއް ތައްޔާރުކުރެވެން ނެތް ކަމަށް ކޮމިޝަނުން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުންފިނޭންސް މިނިސްޓްރީން ބަލަހައްޓާ ސެޕް ސިސްޓަމުގެ ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު ބްރޯޑްކޮމްއަށް 7,445,297 (7.4 މިލިއަން) ރުފިޔާ ލިބިފައިވާ ކަމަށް ދެއްކި ނަމަވެސް ލިބެންޖެހޭ ފައިސާގެ ރެކޯޑުތައް ފުރިހަމައަށް ބަލަހައްޓާފައި ނެތުމުން 30 މިލިއަން ރުފިޔާގެ ތެރެއިން 2024 ގައި ފައިސާއެއް ލިބުނުކަން ނުވަތަ ލިބުނު ނަމަ ލިބުނީ ކިހާ ވަރެއްކަން ކަނޑައެޅެން ނެތް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވި މި ރިޕޯޓުގައި ސާވާއަށް މައްސަލައެއް ދިމާވި ނަމަވެސް ފައިސާއާ ގުޅޭ މުހިންމު ލިޔެކިޔުން ނުގެއްލި ރައްކާކުރެވޭ އިންތިޒާމު ހަމަޖެއްސުމަށާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.26 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ ލަފާދެއްވައިފައެވެ.