ނޫސްވެރިންނާއި، ކަމާބެހޭ މުއައްސާތަކުން ދެކޮޅު ހަދައި، އިހުތިޖާޖު ކުރަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހަށް ބަލައިގަތް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ދެކޮޅު ހަދައިފިއެވެ.
އެ ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޮތް މި ބިލާ ބެހޭގޮތުން މަޝްވަރާކޮށް، ހިޔާލު ހޯދުމަށް ކޮމިޓީން މިއަދު ވަނީ ބްރޯޑްކޮމްގެ މެންބަރުންނާ ބައްދަލުކޮށްފައެވެ.
މި ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު، މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ ވިދާޅުވީ، މިއަދު ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރަން ގަސްތުކުރީ ބިލާމެދު މަޝްވަރާކޮށް ކޮމިޝަންގެ މެންބަރުންގެ ހިޔާލު ހޯދުމަށް ކަމަށެވެ.
އެހެންކަމުން ބިލުގައި ކަންބޮޑުވުން އޮތް މާއްދާއެއް، އޮތްނަމަ އެ ކަންބޮޑުވުން ފާޅުކޮށް، އުފެއްދުންތެރި ހިޔާލުފުޅެއް އޮތިއްޔާ ފާހަގަކޮށް ދެެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ކޮމިޝަނަށް ދިން ފުރަތަމަ ފުރުސަތުގައި، ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގް ފުރަތަމަ ވެސް ސުވާލުކުރެއްވީ، އެ ބިލު ޑްރާފްޓްކުރުމުގެ މަރުހަލާގައި ކަމާބެހޭ އެއްވެސް ފަރާތަކާ މަޝްވަރާ ކުރިންތޯ އާއި ކަމާބެހޭ އެއްވެސް ދިރާސާއެއް ކޮށްފައިވޭތޯއެވެ.
މުގައްރިރު ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށެވެ.
ސަރުކާރުން ތާއީދުކޮށް ދިފާއުކުރި ނަމަވެސް، އަމިއްލަ ހައިސިއްޔަތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
ކޮމިޓީގައި އިތުރު ވާހަކަދައްކަވަމުން ސަފާ ވިދާޅުވީ ޑްރާފްޓިން ޕްރޮސެސްގައި ކަމާބެހޭ ފަރާތްތަކު ހިޔާލު ހޯދުމެއްނެތި އަދި ދިރާސާއެއް ނުކޮށް، މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މި ބިލަކީ ހުރިހާ ފަރާތްތަކާ ގުޅުންހުރި ބިލެއްކަމުން، ބިފަދަ ބިލެއް ހުށަހަޅާ އިރު، ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުން މުހިންމު ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީވެސް ކަންކަން ނިންމުމުގެ ކުރިން ފުޅާދާއިރާއެއްގައި ދިރާސާކުރުން ކަމަށް ވެސް ސަފާ ވިދާޅުވިއެވެ.
އެގޮތުން ބިލުގައި ހުރި ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވައި އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކުރާ އަދަދުތައް ކަނޑައަޅާފައިވަނީ ދިރާސާއެއް ނުކޮށް ކަމަށާއި ނޫސްވެރިންނަށް މުސާރަ ލިބޭވަރާއި މީޑިއާތަކުގެ އާމްދަނީއަށް ބަލައިގެން އެ އަދަދުތައް ކަނޑައަޅަން ޖެހޭނީ އެހެން ގައުމުތަކުގަައި މީޑިއާ ރެގިއުލޭޓް ކުރަން އޮންނަ ގޮތް ދިރާސާކޮށް ރާއްޖެއަށް އެންމެ އެކަށޭނަ ގޮތަކީ ކޮބައިތޯ ބަލައި ކަމަށެވެ. އަދި ސެލްފް ރެގިއުލޭޓަރީ ނިޒާމަކާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ބަހުސް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީޑިއާތަކާއި އޯޓީޓީ ޕްލެޓްފޯމްތައް ވެސް ބެލެހެއްޓުން އެއް ކޮމިޝަނަށް ގެންނައިރު އެއީ ކުރަން އެންމެ ރަނގަޅު ކަމެއްތޯ ދިރާސާކުރަން ޖެހޭ ކަމަށާއި މިވަރުގެ ބިލަކަށް މަޝްވަރާކޮށް އިތުރަށް ދިރާސާ ކުރަން ވަގުތު ބޭނުންވާނެ ކަމަށްވެސް ވިދާޅުވިއެެވެ.
ސަފާ ވިދާޅުވީ، މީގެކުރިންވެސް ބިލާ ބެހޭގޮތުން ކޮމިޝަންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން، ތިން ސިޓީއެއް މަޖިލީހަށް ފޮނުވި ކަމަށެވެ.
މިހާރު ހުށަހަޅާފައިވާ ބިލުގައި ވެސް އަޅަން ހުރި ވަރަށް ގިނަ ފިޔަވަޅުތަކާއި ކަންކަމަކީ ވެސް ބްރޯޑްކޮމްގެ ގާނޫނުގައި މިހާރު ވެސް ހިމަނާފައިވާ ކަންކަން ފާހަގަކުރައްވައި ސަފާ ވިދާޅުވީ، ކޮމިޝަނަށް އެކަންކަން ތަންފީޒު ނުކުރެވެނީ ބަޖެޓާއި ވަސީލަތްތައް މަދުވުމުން ކަމަށެވެ.
އެހެންކަމުން އާ ކޮމިޝަނެއް ހެދި ނަމަވެސް ބަޖެޓާއި ވަސީލަތްތައް ނުލިބޭ ނަމަ ގާނޫނު ތަންފީޒު ނުކުރެވޭނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބައެއް މިސާލުތައް ނަންގަވަމުން ސަފާ ވިދާޅުވީ، ކޮމިޝަނުން ބްރޮޑްކާސްޓަރުންގެ ކޮންޓެންޓް މޮނީޓާކުރަން އެކަށީގެންވާ ނިޒާމެއް ގާއިމުކުރަން އެ ކޮމިޝަނުންވެސް ބަޖެޓަށް އެދޭތާ އެތައް އަހަރެއްވެފައިވާ ކަމަށެވެ.
ނަމަވެސް އެކަމަށް ބަޖެޓް ނުލިބި އެކަން ރަނގަޅަށް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޝަންގެ އެހެން މެންބަރުންވެސް، ކޮމިޝަންގެ ރައީސްގެ ވާހަކަތަކަށް ތާއީދު ކުރައްވައި ބިލުގައި ހުރި ކަންބޮޑުވުންތައް ވަނީ ފާޅުކުރައްވައިފައެވެ.
އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ތިބިލައް ބޭނުންވަނީ ރާއްޖެ އަކީ މުސްލިމު ޤައުމަކައްވާތީވެ ރާއްޖޭގައިތިބި ޢިލްމުވެރިންގެ ލަފާ އެއީ ތިއަބިލަކީ މީހުންގެ އަބުރައި ކަރާމާތާއިވެސް ވަރައްބޮޑަށް ގުޅުންހުރިބިލަކައްވާތީވެ.
މުޙައްމަދު - 10 މަސް ކުރިން