އަމިއްލައަށް ގެދޮރުވެރި ނުވެވޭނެ، 1337 އާއިލާ މާލޭގައި އެބައުޅޭކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ބޯހިޔާވަހިކަން ކެޓަގަރައިޒް ކުރެވިފައިވާ ގޮތަށް ބަލާއިރު އެ އާއިލާތަކަކީ ކައުންސިލް ހައުސިން ހޯދައިދޭން ޖެހޭ އާއިލާތައް ކަމަށެވެ.

އެއާއިލާތަކަކީ މެދުފަންތީގެ އާމްދަނީގެ ތެރޭގައި ހިމެނޭ އާއިލާތައް ނޫން ކަމަށާއި އެއީ ފަގީރުންގެ ގޮތުގައި ގުނޭ ޒަކާތް ހައްގުވާ އާއިލާތައް ކަމަށްވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެ އާއިލާތަަކީ މަހަކަށް 15،000 ރުފިޔާގެދަށުން އާމްދަނީ ލިބޭ އާއިލާތައް ކަމަށާއި އެ އާއޮލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް މާލޭ ސިޓީކައުންސިލުން ވިސްނައި ގޮތްތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއީ މާލެއަށް ވޯޓުލުމުގެ ހައްގު ލިިބިފައިވާ އާއިލާތަކެއް ކަމަށެވެ.

ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތް ކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލޭގައި، ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި 17،000 އަށްވުރެ ގިނަ އާއިލާ ދިރިއުޅެމުންދާ ކަމަށެވެ.

މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ބިންތަކުގެ ތެރެއިން 600 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅެއްގައި ދިރިއުޅެމުންދާ ކޮންމެ އާއިލާއަކީ ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި އުޅެމުންދާ މީހުންގެ ގޮތުގައި ބަލައިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.