ޑުރަގާ ގުޅުން ހުރި މައްސަލައެއްގައި މީހަކު ހައްޔަރުކުރަން އުޅުނު ހަ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކޮވިޑާ ގުޅިގެން ހޭދަކުރަމުން މިދަނީ ވަރަށް ދަތި އުދަނގޫ މަރުހަލާއެއް ކަމަށެވެ. އެގޮތުން އެންމެ މީހަކު ހައްޔަރުކުރަން މިދިޔަ ހަފުތާގައި ހަރަކާތްތެރިވި ހަ ފުލުހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނަމަވެސް ޑުރަގުގެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ކޮވިޑަށް ޕޮޒިޓިވް ވި މީހެއް ކަމެއް ނުވަތަ ނޫން ކަމެއް އިމްރާން ވިދާޅެއް ނުވެ އެވެ.

"މިދިޔަ ހަފުތާ ވެސް ހިނގައިދިޔަ ހާދިސާއެއް، ޑުރަގުގެ ކަމެއްގައި އިންވޯލްވެގެން އުޅުނު އެންމެ ކުއްޖަކު ހައްޔަރުކުރަން އުޅުނު ހަ ފުލުހުން ޕޮޒިޓިވް ވި. އެއީ އެންމެ ކުއްޖެއްގެ ކަންތަކުގައި. އެހެންވީމާ ވަރަށް ދަތި އުނދަގޫ މަރުހަލާއެއް އަޅުގަނޑުމެން ހޭދަކުރަމުން މިދަނީ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ޑުރަގާ ގުޅުން ހުރި މައްސަލައެއްގައި މީހަކު ހައްޔަރުކުރަން އުޅުނު ހަ ފުލުހަކު ކޮވިޑަށް ޕޮޒިޓިވް ވި އިރު، މިމަހުގެ ކުރީކޮޅު ޓްރެފިކް ފުލުހުންގެ ތެރެއިން ހަ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެ ސެންޓަރުން ނުދެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މި މަހުގެ ކުރީކޮޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ފުލުހުންގެ ތެރެއިން އެއިރާ ހަމަޔަށް 93 ޕޮޒިޓިވް ކޭސް ވަނީ ފެނިފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފުލުސް އޮފިސަރުންގެ އިތުރުން މުވައްޒަފުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.