ފ. ނިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި ހަތަރު އަހަރުގެ ކުއްޖަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު، އެޗްއީއޯސީން މައުލޫމާތު ދޭ ގޮތުގައި ޕޮޒިޓިވް ވެފައިވަނީ ހަތަރު އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.
މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ މި ކުޑަކުއްޖާއަކީ ކުރިން އެރަށުން ޕޮޒިޓިވް ވި މީހެއްގެ ދަރިފުޅު ކަމަށެވެ. މިހާރު ނިލަންދޫން ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ޖުމުލަ ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މީގެ ތެރެއިން ކުޑަކުއްޖާ ހިމެނޭ ގޮތަށް ހަތަރު މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށްވެސް ޖަލީލް ފާހަގަ ކުރެއްވިއެވެ.
ޖަލީލް ވިދާޅުވީ އެހެން މީހުންގެ ނަތީޖާ ކުރިން ލިބުނު ނަމަވެސް ކުޑަކުއްޖާގެ ނަތީޖާ ލިބުނީ މިއަދު ހެނދުނު ކަމަށެވެ. މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށްވެސް ޖަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ޕޮޒިޓިވް ވި މީހުން އެހެން ފެސިލިޓީއަކަށް ބަދަލު ކުރުމަށް އެޗްޕީއޭގައި އެދިފައިވާނެ ކަމަށް ޖަލީލް ވިދާޅުވިއެވެ. އެއީ ރަށުގެ އާންމު ރައްޔިތުންގެ ފަރާތުން ކަންބޮޑުވުންތަކެއް ފާހަގަ ވުމާއި ގުޅިގެން ކަމަށް ވެސް ޖަލީލު ވިދާޅުވިއެވެ.
ޖަލީލް ވިދާޅުވީ ޕޮޒިޓިވް ވި ބަޔަކު ހޯމް ކަރަންޓީނުގައި ތިބުމުން ރައްޔިތުން ކަންބޮޑުން ފާޅުކޮށްފައިވާ ކަމަށެވެ. މި ކަމުގެ ސަބަބުން އެސަރަހައްދުގައި ކޮވިޑްގެ ކަންކަމަށް ފަރުވާދިނުމަށް ހަމަޖައްސާފައިވާ ލ. ރީޖަނަލް ހޮސްޕިޓަލް ނޫނީ އެހެން ކޮވިޑް ފެސިލިޓީއަކަށް ޕޮޒިޓިވް ވި މީހުން ބަދަލުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު