ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަކީ ވަރުގަދަ ޕާޓީއެއް ކަމަށާއި އެކަން އިދިކޮޅު ފަރާތްތަކަށް ނުވިސްނޭތީ ހައިރާންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު މިގޮތަށް ވިދާޅުވީ އޭނާ ނިސްބަތްވާ އެމްޑީޕީގެ ތެރެއިން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ފައްޓަވާފައިވަނިކޮށެވެ. އެގޮތުން އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެއާއެކު އެމްޑީޕީ ދެކަފިވެ، އެމްޑީޕީގެ އެތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި، މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ ތަފާތު ފިކުރުތަކުގެ މައްޗަށް އެކުލެވޭ އާދަޔާ ހިލާފު ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ނުވިސްނޭތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކާ ގުޅިގެން ތަފާތު އެކި ހިޔާލުތައް ޕާޓީގެ މެންބަރުން އަބަދުވެސް ފާޅުކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެމްޑީޕީއޭ ކިޔައިގެން އިދިކޮޅުން ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް އެމްޑީޕީގެ މެންބަރުންނަކީ އެކަން ހިތު އަޅައިގެން އުޅޭނެ ބައެއް ނޫން ކަމަށެވެ.

"ކޮންމެ ފަދަ ގޮތަަކަށް ފުރައްސާރަ ކުރިޔަސް މި ޕާޓީގެ މެންބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ،" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވަޒީރުކަމުން ވަކިކުރަން އެމްޑީޕީގެ ތެރެއިން މަސައްކަތް ފަށާފައިވާ އިރު، ރައީސް ނަޝީދު ދާދި ފަހުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ތެރޭގައި ފައްޔާޒަށް "ބްރޯ" ހެދިގެން ނޫޅެވޭނެ ކަމަށާއި އޭނާވެސް އުޅުއްވަން ޖެހޭނީ ނިޒާމުގެ ތެރެއިން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފައްޔާޒުގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ސޮއިކޮށްފައެވެ.

މަޖިލީހުގައި ޖުމްލަ 87 މެމްބަރުން ތިއްބަވާ އިރު، އެމްޑީޕީގެ މެންބަރުގެ އަދަދަކީ 65 އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ ދިހަ މެންބަރެއްގެ ސޮޔެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ 44 މެންބަރުންގެ ވޯޓެވެ.