ރާއްޖޭގެ ފަސް ހޮސްޕިޓަލަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ނިއު ނޯމަލްގެ ދަށުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ޓޫރިސްޓުން ފުރުމުގެ ކުރިން، އެމީހުން އަތުގައި ސަރުކާރުން ގަބޫލުކުރާ ލެބަކުން 48-72 ގަޑިއިރުތެރޭ ހަދާފައިވާ ކޮވިޑް ޓެސްޓުގެ ނަތީޖާއެއް އޮތުމަށް ބައެއް އެއާލައިންތަކުން މަޖުބޫރު ކުރެ އެވެ. އެ ނަތީޖާ ނެތްނަމަ، އަމިއްލަ ގައުމަށް އެތެރެވުމުގައި ވެސް ދަތިތަކެއް ހުރެ އެވެ.

ނަމަވެސް އެ ޓެސްޓުތައް ހަދަން ފުރަތަމަ މަޝްވަރާ ކުރީ އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލާ އެވެ. ނަމަވެސް އެތަންތަނާ މަޝްވަރާ ކުރެވުނު ގޮތަށް ކަންކަން ކުރިއަށް ނުގޮސް ޓޫރިސްޓުންނަށް ރާއްޖެއިން ފުރުމުގައި ދަތިތަކާ ކުރިމަތިވަމުން އަންނާތީ، މިހާރު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެކަން ކޮށްދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ފަތުރުވެރިންނަށް ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލުތަކާއި އެ ހޮސްޕިޓަލުތަކުން ޓެސްޓު ހަދައިދޭނެ އަގުތައް އާންމު ކޮށްފައެވެ.

އެގޮތުން މާލޭގައި ފަތުރުވެރިންނަށް ޕީސީއާރު ޓެސްޓު ހަދައިދިނުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާއި އޭޑީކޭ އަދި ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕުންނެވެ. އޭގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށީ ސިޓީންނާއި އެންމެ ދެކުނުން އައްޑޫ ސިޓީން ވެސް ފަތުރުވެރިންނަށް ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

މި ހޮސްޕިޓަލްތަކުގެ ތެރެއިން ސަރުކާރުގެ ތިން ހޮސްޕިޓަލުން ޕީސީއާރު ޓެސްޓެއް ހަދައިދޭނީ 1534 ރުފިޔާ އަށެވެ. އޭޑީކޭ ހޮސްޕިޓަލުން 1500 ރުފިޔާ އަށް ޓެސްޓެއް ހަދައިދޭއިރު ޓްރީ ޓޮޕް ހޮސްޕިޓަލުން ޓެސްޓެއް ހަދައިދޭން ނިންމާފައިވަނީ 2000 ރުފިޔާ އަށެވެ.

އެޗްޕީއޭ އިން ބުނީ ސާމްޕަލްގެ ނަތީޖާ ބޭނުންވާ ވަގުތަށް ހޯދުމަށް، ފަތުރުވެރިޔާ ފުރަން ހަމަޖެހިފައިވާ ވަގުތުގެ 48 ގަޑިއިރު ކުރިން އެ ފަތުރުވެރިއެއްގެ ސާމްޕަލް ހޮސްޕިޓަލުގެ ލެބަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި ޓެސްޓް ހެދުމަށްޓަކައި އެ ފަތުރުވެރިއެއްގެ ޓްރެވަލް ޑޮކިއުމަންޓުގެ ކޮޕީއަކާއި ލެބޯޓްރީން އެދޭ އެހެނިހެން ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

ފަސް ހޮސްޕިޓަލަކުން ފަތުރުވެރިންގެ ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ސަފާރީ އުޅަނދުފަހަރުން ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓު ހެދުމަށް ހުޅުމާލޭގައި ސާމްޕަލް ނެގުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.