ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ރާއްޖެ ގެނައި މެޑިކަލް ޓީމާގުޅޭ ގިނަ މައްސަލަތަކެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ކޮވިޑާ ގުޅިގެން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމެއް ރާއްޖެ ގެނައުމަށް ޓޫރިޒަމް ޓްރަންސްޓު ފަންޑުން ހަ މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށާއި އެ ޓީމު ގެންނާނީ އެމެރިކާގެ ސެކިއޯ ސޯސް އިންޓަނޭޝަނަލް (އެސްއެސްއައި) މެދުވެރިކޮށް ކަމަށް ބުނެ އެކަމުގެ ހާއްސަ ހުއްދައަކަށް އެދި ފެބްރުއަރީ ހަ ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެ އެވެ.
އެގޮތުން އެކަމަށް މާޗް 14 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވަނިކޮށް، ފަހުން އެ ޓީމުގައި އިތުރު އެއް ޑޮކްޓަރު ހިމެނޭކަން އަންގައި މާޗް 22 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ފިނޭންސް މިނިިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެ އެވެ.
ނަމަވެސް އެ ސިޓީ ފޮނުވާފައިވަނީ އެ ޓީމު ރާއްޖެ އައި ފަހުންނެވެ. މާޗް 16 ގައި އެސްއެސްއައިއާ ހަވާލުކޮށް، އެކުންފުނީގެ ފަރާތުން ހަ މެންބަރުންގެ ޓީމެއް ރާއްޖެ އައިސްފައިވަނީ އޮޑިޓް ރިޕޯޓްގައި ބުނާ ގޮތުން މާޗް 18 ގަ އެވެ. އެ ޓީމުގައި ދެ ޑޮކްޓަރަކާއި ދެ ނަރުހަކާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނެއްގެ އިތުރުން މެޑިކަލް ޓީމް ކޯޑިނޭޓަރެއް ހިމެނެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމަންޓުގެ އަގު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ 35،000 ރުފިޔާއަށްވުރެ ބޮޑުވާނަމަ އެ ތަކެއްޗާއި ހިދުމަތް ހޯދަންވާނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީންކުރުމަށްފަހު ކަމަށް އެ ގަވައިދުގައި ބުނެފައިވީ ނަމަވެސް، ޑޮކްޓަރުންގެ ޓީމު ގެނައުމުގެ މަސައްކަތް އެމެރިކާގެ ކުންފުންޏާ ހަވާލުކުރުމުގައި އެފަރާތުގެ ފަންނީ އަދި މާލީ ގާބިލުކަން ކަނޑައެޅި ގޮތެއް ލިއެކިޔުމުން އެނގެން ނެތް ކަމަށެވެ.
އޭގެ އިތުރުން އެ ޓީމު ހޯދުމުގައި ހެލްތު މިނިސްޓްރީގެ ފަންނީ ލަފައެއް ހޯދާފައި ނުވާ ކަމަށާއި އެ ހިދުމަތް ހޯދުމުގައި ސިއްހީ ދާއިިރާގެ އެފަދަ ހިދުމަތް ދޭ އެހެން އެއްވެސް ފަރާތަކާ މަޝްވަރާކޮށް އަގެއް ހޯދާފައިނުވާކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނީ، މެޑިކަލް ޓީމަށް ހަރަދުކޮށްފައިވަނީ ވެސް އެކަމަށް ހަރަދުވާނެ ކަމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއަށްވުރެ އިތުރަށް ކަމަށެވެ. އެގޮތުން އެ ޓީމާ ގުޅޭ ކަންކަމަށް ޖުމްލަ 8.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ލިޔެކިޔުންތަކުން ދައްކާއިރު އެ އަދަދަކީ ލަފާކުރި ހަ މިލިއަން ރުފިޔާއަށްވުރެ 2.8 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީން މެޑިކަލް ޓީމު އެކުލަވާލީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިފައިވާ ގޮތަށް ނޫން ކަމަށާއި އަދި އެ ޓީމާ ހަވާލުކުރީ ކޮން މަސައްކަތެއްކަން ނޭނގޭއިރު ކުރި މަސައްކަތުގެ ރެކޯޑް ވެސް ބަލަހައްޓާފައި ނުވާ ކަމަށެވެ.
އޭގެ އިތުރުން ޑޮކްޓަރުންގެ ޓީމުގެ ޕްރޮފެޝަނަލް ފީގެ ގޮތުގައި ހަރަދުކުރި ހަ މިލިއަން ރުފިޔާ ޓޫރިޒަމް މިނިސްޓްރީން އެސްއެސްއައި އަށް ދައްކާފައިވަނީ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް، އެ ޓީމު އައުމުގެ ކުރިން އަދި އެ ޓީމުގެ އެއްވެސް ހިދުމަތެއް ނުލިބެނީސް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު