މި ސަރުކާރު ވެރިކަމަށް އައިފަހުން މަޖިލީހުގެ ތެރެއިން އެތައް އާ ކަންތައްތަކެއް ފެނިގެން ގޮސްފިއެވެ. ސިހުން ގެނައި އެތައް ކަމެއްވެސް ފެނިގެން ގޮސްފިއެވެ. މިއަދު އަނެއްކާވެސް މިވަނީ އާކަމެއް ފެނިގެން ގޮސްފައެވެ. އެންމެނަށްވެސް ސިހުން ގެނުވައިފިއެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކުން، އެޕާޓީގެ އެންމެ އިސް އެއް މިނިސްޓަރު މަގާމުން ވަކި ކުރުމަށް މަސައްކަތް ފެށި ވާހަކައެވެ. އެއަށްވުރެވެސް ހައިރާން ކުރުވަނިވި ކަމަކީ އެމައްސަކަތުގައި އެންމެ އިސްކޮށް އުޅުއްވާ ފަރާތަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވުމެވެ.
މިދިޔަ ބުދަ ދުވަހު ތިލަވެގެން ދިޔައީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރަމުންގެންދާ ކަމުގެ ވާހަކަތަކެވެ. ދޮގަކަށް ވެދާނެ ކަަމަށް އެންމެންވެސް ހީކޮށްގެން ތިބި ކަންތައް އަސްލަށްވެސް ފެށިގެން ކުރިއަށް އެބަދެއެވެ. މިހާތަނަށް ފައްޔާޒުއާ ދެކޮޅަށް 20 ވަރަކަށް މެންބަރުން ސޮއިކޮށްފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. މަސައްކަތް ފެށިގެން ކުރިއަށްދާއިރު، އެންމެންގެ ވެސް އޮތީ ހަމަ ގައިމުންވެސް އެއް ސުވާލުތަކެކެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ އަޑެއް ބަޑެއް ނީވި ކުއްލިއަކަށް ފައްޔާޒުގެ މައްސަލައެއް މި ފެންމަތިވީ ކީއްވެ ހެއްޔެވެ؟ މި ކަމުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައި ހެއްޔެވެ؟
ފައްޔާޒުވެސް ވަނީ އޭނާގެ އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެފައެވެ. އެފަދަ ކަމެއް ކުރަމުން ގެންދާތީ ލިބުނީ ޝޮކެއް ކަަމަށެވެ. އެހެން ކަމުން މިކަމުގައި އަސްލު ފޮރުވިފައިވާ ހަގީގަތަކީ ކޮބައިހެއްޔެވެ؟ އެކަން އެނގެން އޮތީ "ބިތު ފަންގި" ނަގައިގެން ކަމަށްވެސް ވެދާނެއެވެ.
ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ފޮރުވިފައިވާ ހަގީގަތަކީ ކޮބައިކަން ދެކެން ބޭނުންވާ ގިނަ ރައްޔިތުންތަކެއް އެބަތިއްބެވެ. އެކި ގޮތަށް ވާހަކަތައް ދެކެވެމުންދާއިރު، އެއްބަޔަކު ގަބޫލު ކުރާ ގޮތުގައި މިކަމަކީ ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން ހަނގުރާމަ އިއުލާން ކުރުނެވެ. އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި މިއީ ރައީސް ނަޝީދާއި ފައްޔާޒުގެ ޒާތީ ކަމެއްގެ ސަބަބުން ފެށިގެން އުޅޭ ކަމެކެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ނުތަނަވަސްކަމެއް އުފެދިގެން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ބޮޑު ވަޒީރުގެ މަގާމަށް ނަޝީދު އަންނަން ބޭނުންވާ ވާހަކައިން ފެށިގެން ބަރުލަމާނީ ނިޒާމުގެ ވާހަކަތަކުންވެސް އެކަން އެނގިގެންދެއެވެ. އެންމެ ފުރަތަމަ އެކަން ފެށިގެން ދިޔަ ހިސާބަކީ މަޖިލިސް ރައީސަކަށް ގެންނާނެ މީހެއްގެ ބަހުސުންނެވެ. އެފަހަރު ނަޝީދުގެ ނަން ކުރިއަށް ނެރުއްވައި ހިހޫ ކޮށްލީއެވެ. އެހާ ހިސާބުން ދެ ފެކްޝަނެއް އެމްޑީޕީ ތެރޭގައި އޮތްކަން އެންމެނަށްވެސް ހާމަވެގެންދިޔައެވެ.
އޭގެ ފަހުންވެސް އެދެބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން މަދުން ނަމަވެސް ފެނިގެންދެއެވެ. އެގޮތުން ބަރުލަމާނީ ކޯޅުމާއި ކޯލިޝަން ކޯޅުމަކީވެސް ވަރަށް މަޝްހޫރު ކޯޅުންތަކެވެ. ނަމަވެސް އެކުގައި ނަގާފައިވާ ފޮޓޯގަނޑެއް ނުވަތަ އެނޫންވެސް ކޮންމެވެސް ކަމަކުން ރައްޔިތުންނަށް "އޯކޭ" ކަމަށް ދައްކުވައި ފިނިފެން ޖަހައިލައެވެ.
އަނެއްކާވެސް މި ފެންނަނީ އެފަދަ މަންޒަރެކެވެ. ބައެއް އާންމުން ގަބޫލު ކުރާ ގޮތުގައި ފައްޔާޒުގެ ވޯޓް މައްސަލައަކީ ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ހަނގުރާމައެކެވެ. އެއީ ފެށުމެވެ. މަޑު މަޑުން މުޅި ޕާޓީ ދެބައިވާތަން ފެންނާނެ ކަމަށް ގަބޫލުކުރާ އެޕާޓީގެ މެންބަރުންވެސް މަދެއް ނޫނެވެ.
އެންމެނަށް ނޭނގިދާނެ އެވެ. ނަމަވެސް ރައީސް ސޯލިހާއި ފައްޔާޒަކީ ވަރަށް ގާތް ދެބޭފުޅުންނެވެ. މަޖިލީހުގައި ދެބޭފުޅުން އުޅުއްވި އިރުވެސް ދެބޭފުޅުންނަކީ ވަރަށް ގާތް ދެބޭފުޅުންނެވެ. ރައީސް ސޯލިހަށް ރިޔާސީ ކެންޑިޑޭޓްކަން ހޯދައިދިނުމަށްވެސް ފައްޔާޒުގެ ދައުރުވެސް ވަރަށް ބޮޑެވެ. ރައީސް ސޯލިހުގެ އެންމެ އަރިސް އެއް ކެބިނެޓް މެންބަރެވެ. މިކަން ދަންނަ މީހުން މަދުވެދާނެއެވެ. ސަރުކާރު ތެރޭގައްޔާއި މަޖިލީހުގެ ތެރެއިންވެސް ރައީސް ބޭނުންވާ ކަންކަން ކުރުމުގައިވެސް އެންމެ އިސްކޮށް ހުންނަވާ އެއްފަރާތަކީ ފައްޔާޒުއެވެ. އެކަން ފައްޔާޒުވެސް އަމިއްލަ އަށް ވަނީ ވިދާޅުވެފައެވެ.
"މިނިވަން މުއައްސަސާއަކަށް މީހަކު ލާން، ސަރުކާރުން ބޭނުންވާ ކަމެއް ކުރަން، ޔެސް އެއީ ސަރުކާރަކީ، ރައީސުލްޖުމްހޫރިއްޔާ ވަކި ބޭފުޅުން ތަކެއްގެ ނަން މިނިވަން މުއައްސަސާއަކަށް ނޫނީ ތަނަކަށް ލާން ފޮނުވީމާ އަޅުގަނޑަކީ ސަރުކާރު، އަޅުގަނޑަކީ ރައީސުލް ޖުމްހޫރިއްޔާ މިތާ ބަހައްޓާފައި ހުންނަ މީހެއް. އަޅުގަނޑުމެން ބޭނުންވާ ބިލެއް މަޖިލީހަށް ފޮނުވާފައި އެބިލު އަޅުގަނޑުމެން ސަރުކާރުން ބޭނުންވާ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ ބިލެއްކަމަށް ވަންޏާ އެބިލް ފާސްކުރަން އަޅުގަނޑު ލޮބީ ކުރަން، އަޅުގަނޑު ދަންނަ އެމްޑީޕީ މެންބަރަކަށް އެހެން މެންބަރަކަސް އެބިލް ފާސްކޮށްދިނުމަށްޓަކައި އަޅުގަނޑު ގުޅާނަން،" ފައްޔާޒު ވިދާޅުވިއެވެ.
މިކަމުންވެސް އެނގިގެންދަނީ ރައީސް ސޯލިހުގެ ސަރުކާރުގައި ފައްޔާޒުގެ ދައުރެވެ. އެހެން ކަމުން ރައީސް ސޯލިހާއި ނަޝިދާ ދެމެދު ހަނގުރާމަ އިއުލާން ކުރުމުގެ ފެށުމުގެ ގޮތުން "ކަތިލަން" މިއަށްވުރެ ރަނގަޅު މިނިސްޓަރަކު ނުހްނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
"ގިނަ ބަޔަކަށް އަސްލު އެބަ އެނގޭ މިއީ ފައްޔާޒުގެ މައްސަލައެއް އޮވެގެން ކުރާ ކަމެއް ނޫންކަން، މިއީ ހަމަ ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ހިނގާ ހަނގުރާމަ، އެކަން މިހާރު ބޮޑަށް މި ފަޅައިގެން ދަނީ،" ސިޔާސީ ދާއިރާގެ ތަޖުރިބާކާރަކު ބުނެފައި ވެއެވެ.
ފައްޔާޒުގެ ވާހަކަތުންވެސް އެކަން ދޭހަ ވެއެވެ. އޭނާ ރޭ ވިދާޅުވީ މިއީ އޭނާގެ ފައިޓެއް ނޫން ކަމަށެވެ.
ފައްޔާޒް ގެ މި ވާހަކައިން ދޭހަވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ހިނގާ ހަނގުރާމައެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.
"25 ކަމެއް 30 ކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު ނުވެސް ބަލަން. އެކިއެކި ބޭފުޅުން ސޮއި ކުރި ވާހަކަވެސް އިވޭ. އެއިން އެއްވެސް ބޭފުޅަކަށް އަޅުގަނޑު ނުވެސް ގުޅާނަން. މީކީ އަޅުގަނޑުގެ ފައިޓެއް ނޫން،" ފައްޔާޒު ވިދާޅުވެފައި ވެއެވެ.
ފައްޔާޒުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ ގޮނޑިތައް ދިނީ މެނިފެސްޓޯގައިވާ ކަންކަން އުނދަގުލަކާ ނުލައި ތަންފީޒު ކުރަން ފަސޭހަކޮށްދޭން ކަމަށެވެ. ގައުމުގެ ވެރިކަން ދެބޭފުޅަކު ކުރައްވަން އުޅެފިނަމަ ނުކުންނާނީ ހުސް ގޯސް ކަމަށެވެ.
"ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިނުމަށްފަހު ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ޕާޓީއަށް މަޖިލީހުގެ 65 ގޮނޑި ދިނީ އުނދަގުލަކާ ނުލައި މެނިފެސްޓޯގައިވާ ކަންކަނަ ތަންފީޒުކުރުމަށް. އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެންބަރުން މެދުވެރިކޮށް ރައީސް ސޯލިހަށް ޖެއްސުންކުރާކަށް ނޫން،" ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ހަނގުރާމައެއް ފެށިފައިވާކަން އެންމެނަށްވެސް އެބަ ސާފުވެއެވެ. ހާއްސަކޮށް ދެ ފެކްޝަނަކަށް ބެހި ނަޝީދު އިސްކޮށް ހުންނަވައިގެން ފައްޔާޒުގެ އިތުބާރު ނެތް މައްސަލައަށް ސޮއި ހޯދަމުންދާއިރު، އެކަމާ ދެކޮޅަށް މިވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއްވެސް ނުކުމެފައެވެ. އެގޮތުން މިހާތަނަށް އެމްޑީޕީގެ 13 މެންބަރަކު ވަނީ ފައްޔާޒުގެ ދިފާއުގައި ވާހަކަދައްކަވައި ޓުވީޓު ކުރައްވައިފައެވެ.
ދެ ފެކްޝަން އުފެދި އެމްޑީޕީ ބައިބައި ވެފައި ވާއިރު ފައްޔާޒުގެ މައްސަލައަކީ އަޑި ނޭނގޭ ފޮރުވިފައިވާ މައްސަލައެކެވެ. ދެ ރައީސުންގެ "ކޯޅުން" ކަމަށް ބައެއް ފަރާތްތަކުން ސިފަކުރާއިރު އަނެއްބަޔަކު ސިފަ ކުރާ ގޮތުގައި މިއީ ޒާތީ ކަމަކަށްވުންވެސް ގާތެވެ.
ބައެއް ފަރާތްތަކުން މިގޮތަށް ވާހަކަތައް ދައްކާފައިމިވަނީ ރޭ އާންމުވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގެ ސްކްރީންޝޮޓްތަކުގެ ސަބަބުންނެވެ. އޭގައި ނަޝީދާއި ފައްޔާޒުގެ ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވިގެން ގޮސްފައިވާ މޭރުމުން ވާހަކަތައް ދައްކައިފައިވެއެވެ.
މިނިސްޓަރު ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރި އެމްޑީޕީގެ މަޖިލިސް މެންބަރުންނާ ދިމާ ނުކުރައްވައި، ނިޒާމުގެ ތެރޭގައި އުޅުއްވުމަށް ފައްޔާޒަށް ނަޝީދު ގޮވާލައްވައިފައި ވެއެވެ. މީގެ އިތުރުން "ބްރޯ" ވެގެން ނޫޅުމަށްވެސް ނަޝީދު ވަނީ ފައްޔާޒަށް އިންޒާރުކުރައްވައިފައެވެ.
"ފަޔާ ވެސް ބްރޯ ވެގެން ނޫޅޭ! ނިޒާމުގެ ތެރޭގައި އުޅުއްވާ!" އެ ގްރޫޕުގައި ނަޝީދު ވިދާޅުވެފައި ވެއެވެ.
ނަޝީދު ވަނީ ފައްޔާޒްގެ އިތުބާރު ނެތް ބުނާ 30 މެންބަރުންނާ ދިމާކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި ދިމާކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުވެސް ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނުކުންނަވައިފައިވާ ވިދާޅުވި އެވެ. ނަޝީދު ވަނީ ފައްޔާޒު މީހުންނަށް ނުފޫޒު ފޯރުވައި ކޮންޓްރެކްޓްތައް ދީ ހުރިހާ ކަމަކަށް އަތްލާ ކަމަށްވެސް ތުހުމަތުކޮށްފައެވެ. އެގޮތަށް އެކަން ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާ ދެމެދުގައި ކޮންމެވެސް ޒާތީ ކަންތައްތަކެއް އުޅޭ ކަމަށް މި ޗެޓްތައް ކިޔައިލުމުންވެސް ހީވެއެވެ. ފައްޔާޒު މަޖިލީހަށް ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވައި ކަންކަން ބަދަލު ކުރުމަށް މަސައްކަތް ކުރާ ތުހުމަތު ތަކަކީވެސް އިވިގެންދިޔަ ތުހުމަތުތަކެކެވެ. އެހެންކަމުން މިކަމަކީ ޒާތީ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. އެފަދަ މާނައެއް ދޭހަވާ ގޮތަށް ފައްޔާޒުވެސް ރޭ ވަނީ ވާހަކަދައްކަވައިފައެވެ.
ފައްޔާޒު ވިދާޅުވީ އޭނާއަކީ ވަރަށް އިހުލާސްތެރިކަމާ އެއްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އޭނާގެ 24 ގަޑިއިރު ހޭދަކުރަމުން އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯ އާއި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ވެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ކަމަށެވެ. އޭނާއާ ދޭތެރޭ ހިތްހަމަ ނުޖެހުމެއް އޮވެދާނެ ކަމަށާއި އޭނާ އަކީ އެކި މީހުންނަށް އެކި ކަހަލަ އިމޯޝަން ނުކުންނަ މީހެއް ކަމަށެވެ. އޭނާ ވަނީ އެކަމަށް މާފަށްވެސް އެދިފައިއެވެ.
"އަޅުގަނޑުގެ އިތުބާރު ނެތް ކަމަށް އަޅުގަނޑުގެ ކުރާ މަސައްކަތާ ގުޅިގެން ނޫނިއްޔާމު ގާނޫނީ ގޮތުން ހަމަ އެންމެ އިންޗިއެއްވެސް ނޯންނާނެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑާ ދޭތެރޭ ހިތްހަމަ ނުޖެހުމެއް އޮވެދާނެ. އަޅުގަނޑަކީ އެކި މީހުންނަށް އެކި ކަހަލަ އިމޯޝަން ނުކުންނަ މީހެއް. ވާހަކަ ދެއްކުން ހުންނަ ގޮތާއި، މިކަންކަމުގެ ސަބަބުން،" ފައްޔާޒު ވިދާޅުވެފައި ވެއެވެ.
އެހެން ކަމުން މީގައި ދެކަމެއް އުޅުމަކީވެސް އެކަށީގެން ނުވާ ކަމެއް ނޫނެވެ. އެއީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ހަނގުރާމައެވެ. ނުވަތަ ފައްޔާޒާއި ނަޝީދުގެ ޒާތީ ކަމެކެވެ.
މިދެ ސަބަބުގެ ވާހަކަ ދެކެވުނަސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކޮންމެ ސަބަބެއްގައި މަތި އެޅުވިޔަސް މީގެ ހަގީގީ ސަބަބަކީ ރައީސް ނަޝީދާއި އިބޫއާ ދެމެދުގައި އޮތް ހަނގުރާމަ އެވެ. ފައްޔާޒް މަންޒަރުން ބޭރުކޮށްލަން ބޭނުންވަނީ ރައީސް ސޯލިހު "ވީކް" ކޮށްލަން ކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. އެފަދަ މީހުން ގަބޫލު ކުރާ ގޮތުގައި ފަޔާޒް އަކީ ރައީސް ސޯލިހުގެ "ކަނާއަތެވެ". އެހެންކަމުން މިއީ ރައީސް ސޯލިހުގެ ސަރުކާރުގެ ސްޕީޑު ލަސް ކުރުވައި، ފެއިލިވެއްޖެކަން ދެއްކުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އިއުލާނުކުރެއްވި ވަރުގަދަ ހަނގުރާމައެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެހެނީ ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ވަރުގަދަ އެއް ތަނބަކީ ފައްޔާޒް އިސްމާއީލް އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބްރޯ ހެދިގެން ނޫޅުއްވާށޭ، ކަންކަމަށް ބެހިވަޑައިގަންނަވަނީއޭ ވިދާޅުވެ ޒާތީ ކަމަކަށް މިކަން ހަދަން ބައެއް މީހުން އުޅުނު ނަމަވެސް، އަސްލު މައްސަލައަކީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ މައްސަލަ އެވެ. ރައީސް ނަޝީދުގެ ބޮޑުވަޒީރު ކަމުގެ ހުވަފެނެވެ. ރައީސް ނަޝީދު ރައީސް ސޯލިހަށް ސީދާ "އެޓޭކް" ނުކުރެއްވި ނަމަވެސް މިއީ ސީދާ ރައީސް ސޯލިހަށް އެޓޭކް ކުރެއްވުމުގެ ފެށުން ކަމަށްވެސް އެފަދަ މީހުން ގަބޫލު ކުރެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް