ކުއްލި ޚަބަރު

އޭއެފްސީ ކަޕަށް ހުއްދަ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ، ޕްރެކްޓިސްތަކަށް ހުއްދަދޭނީ ހާލަތަށް ބަލާފައި: ޑރ. ނަޒްލާ

އޭއެފްސީ ކަޕަށް ހުއްދަ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށާއި ކްލަބުތަކުގެ ޕްރެކްޓިސްތަކަށް ހުއްދަދޭނީ ހާލަތަށް ބަލާފައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެ މުބާރާތުގެ މެޗުތައް ރާއްޖޭގައި ކުރިއަށްގެންދިއުމުގެ ހުއްދަދިނުމާ މެދު އަދި ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި ހާލަތު ގޯސްވެއްޖެ ނަމަ، ކްލަބުތަކުގެ ޕްރެކްޓިސްތަކަށް ވެސް ހުއްދަ ނުދެވޭނެ ކަމަށެވެ.

"މިވަގުތަކަށް ނެތް އެއްވެސް ޑެސިޝަނެއް ނެގިފައެއް. ކުޅުމުގެ ހުއްދަ ދިނުމަށް އަޅުގަނޑުމެން ބަލާނީ މިހާރުވެސް ބަލި އޮތް މިންވަރަށް ބަލާފައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އެއީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި. އެހެންވީމާ ބަލި ފެތުރޭ މިންވަރަށް ބަލާފައި ގިނަ މީހުން އެއްވެގެން ކުރާ ކަންކަން، ހާއްސަކޮށް ކުޅިވަރު ކަހަލަ ކަންކަން ކުރުމަކީ ހާލަތަށް ބަލާފައި އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފެންނަ ކަމަށްވަންޏާ، އަޅުގަނޑުމެންނަކަށް އެ ހުއްދަތަކެއް ވެސް ނުދެވޭނެ ޕްރެކްޓިސް ކުރާކަށެއް މިވަގުތު،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ މުބާރާތުގެ މެޗުތައް ރާއްޖޭގައި ކުރިއަށްގެންދިއުމާ މެދު އެޗްއީއޯސީގައި ކުރިން ވެސް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި މިހާރު އެއްބަސްވެވިފައިވަނީ މުބާރާތް ކައިރިކޮށްފައި، އިތުރަށް ހާލަތަށް ބެލުމަށްފަހު އެކަމާ މެދު ނިންމުމެއް ނިންމުމަށް ކަމަށެވެ.

"ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެބަހުރި މިހާރުވެސް ގައިޑްލައިންތަކެއް ތައްޔާރުކުރައްވާފައި. މިކަހަލަ އެއްވެސް ކަމެއް ކުރާނަމަ، އެކަން ކުރާއިރު ރިސްކު އެސެސްމަންޓްތައް ހަދާނެ ގޮތާއި ކަންކަން ކުރިއަށްގެންދާނެ ގޮތް. އެގޮތަށް އަމަލުކުރެވެމުންދާނެ،" އޭނާ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން މެދުކަނޑާލި މުބާރާތްތަކުގެ ތެރޭގައި އޭއެފްސީ ކަޕު ވެސް ހިމެނެއެވެ. އަދި އަލުން އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ވަކިވަކި ގްރޫޕުތަކުގެ މެޗުތައް އެއް ގައުމެއްގައި ކުޅޭ ގޮތަށެވެ. އެގޮތުން ރާއްޖޭގެ ކްލަބުތައް ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ ރާއްޖޭގައެވެ. އެ ގްރޫޕުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ އާއި ބަންގުލަދޭޝްގެ ބަޝުންދަރަ ކިންގްސްއެވެ.

މެދުކެނޑުމަށްފަހު ކުޅޭ އެ ގްރޫޕުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި މާޒިޔާ އާއި ބަޝުންދަރަ ބައްދަލުކުރާ އިރު، ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ޗެންނާއީއެވެ.

ކޮވިޑާ ގުޅިގެން ކުޅިވަރު ހަރަކާތްތައް ހިންގުން މަނާކޮށްފައި އޮތުމުން ރާއްޖޭގެ ފުޓުބޯޅަ ހަރަކާތްތައް ވެސް ވަނީ މެދުކަނޑާލައިފައެވެ. އެހެންކަމުން ހަތަރު މަހެއްހާ ދުވަހު ގިނަ ކުޅުންތެރިންނަށް ފިޓްނަސްގެ ހަރަކާތެއްގައި ބައިވެރިވެފައިނުވުމުން އޭއެފްސީ ކަޕުގެ މެޗުތަކަށް ތައްޔާރުވުމަށް އެ ކުޅުންތެރިންނަށް ވަނީ އެކަށީގެންވާ ވަގުތު ވެސް ބޭނުންވެފައެވެ.