ޕީޕީއެމުން ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ އެ ޕާޓީ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު އޮޑިޓް ރިޕޯޓް ކޮމިޝަނަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންވާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް "ވަން" އަށް ވިދާޅުވީ ޕީޕީއެމުން ހުށަހެޅި 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓާ ބަޔާންކޮށްފައި ވާތީ، އެޕާޓީ 50،000 ރުފިޔާ އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ފައިސާ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ޕާޓީއަށް އަންގާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
އެ މައްސަލައިގައި އޭރު އެ ޕާޓީގެ ހަޒާންދާރުގެ ގޮތުގައި ހުންނެވި އަދި ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ ވެސް ވަނީ 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ ވެސް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އިލެކްޝަން ކޮމިޝަނަށް ދައްކަން ވަނީ އަންގައިފަ އެވެ.
ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ މިދިޔަ އަހަރު ވެސް ޕީޕީއެމް ވަނީ ޖޫރިމަނާކޮށްފަ އެވެ. މިދިޔަ އަހަރު އެ ޕާޓީ ޖޫރިމަނާ ކުރީ 20،000 ރުފިޔާ އިންނެވެ. ހަޒާންދާރު މިދިޔަ އަހަރު ޖޫރިމަނާކުރީ 5000 ރުފިޔާ އިންނެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން