ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޝަރީއަތް ނިމެންދެން މީހަކު ބަންދުކޮށްފި

މަރިޔަމް ޝަހުދާ

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ ގއ. ދެއްވަދޫ، ތިރުގެ، އިބްރާހީމް ނަދީމް ސާލިހު (32 އ) އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހު 23 ގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައިގައި، 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ނަދީމް ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހު 25 ގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ހައްޔަރު ކުރުމަށްފަހު ނަދީމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މިދިޔަ މަހު 25 ގައި ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މައްސަލަ ނިމެންދެން ނަދީމް ބަންދުގައި ބެހެއްޓުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން އާދިއްތަ ދުވަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް ނަދީމް ކޯޓަށް ހާޒިރުކުރުމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ނިންމުމަކީ ޕީޖީ އިން ހުށަހެޅި ކަންކަމަށް ބެލުމަށްފަހު ގާނޫނު ނަންބަރު 12/2016 ގެ ދަށުން ކޯޓުން ނިންމި ނިންމުމެއް ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ކޯޓުގެ މި ނިންމުމަކީ ނަދީމް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމެއް ކަމަށާއި، ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާ ކަމަކަށްވާތީ ނިންމި ނިންމުމެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.